ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ރައީސް ކަމުގެ މަގާމުން މީގެ ފަހުން ދެން އެކަކަށް އެންމެ ގިނަވެގެން ވެސް ހުރެވޭނީ 12 އަހަރު ކަމަށް ފާސްކޮށްފި އެވެ.
ސްވިޒަލޭންޑްގެ ޒިއުރިކްގައި މިހާރު ހިނގަމުންދާ ފީފާ ކޮންގްރެސްގައި ނިންމާފައިވަނީ ރައީސަކަށް ދެން ލިބޭނީ ގިނަވެގެން ހަތަރު އަހަރުގެ ތިން ދައުރު ކަމަށެވެ.
އޭގެ ފަހުން އާ ރައީސަކަށް ޖާގަ ދޭން ޖެހޭއިރު ފީފާގެ އެންމެ އިސްމަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައަކީ ހާމަނުކުރާނެ އެއްޗެއްގެ ގޮތުގައި ވެސް ވަނީ ނިންމައިފަ އެވެ.
ފީފާގެ ރައީސް ކަމުގައި މިދިޔަ 18 އަހަރު ހުންނެވީ ސެޕް ބްލެޓާ އެވެ. 1998 ވަނަ އަހަރު ރައީސް ކަމަށް ވަޑައިގެންނެވި ބްލެޓާ މިހާރު ހުންނެވީ ކޮރަޕްޝަނުގެ ތުހުމަތުގައި ފުޓްބޯޅައިން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ސަސްޕެންޑްކޮށްފަ އެވެ.
އޭނާގެ ބަދަލުގައި އާ ރައީސަކު ވެސް މިއަދު އިންތިހާބު ކުރާނެ އެވެ. އެ މަގާމަށް ވާދަކުރަނީ ފަސް ބޭފުޅެކެވެ. އެއީ ފީފާގެ ކުރީގެ ނާއިބް ރައީސް ޕްރިންސް އަލީ ބިން އަލް ހުސައިން އާއި އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހީމް އަލްހަލީފާ އާއި ޔޫއޭފާގެ ޖެނެރަލް ސެކްރެޓަރީ ޖިއާނީ އިންފަންޓީނޯ އާއި ސެކްވާލޭ އަދި ބްލެޓާގެ ކުރީގެ އެޑްވައިޒަރު ޖެރޯމް ޝެމްޕޭން އެވެ.
އާ ރައީސަކު ހޮވަން އިންތިހާބު މިބާއްވާނީ ޖެހިޖެހިގެން ފަސް ވަނަ ދައުރަކަށް ހޮވިވަޑައިގަތްތާ ތިން ދުވަސް ފަހުން އިސްތިއުފާ ދެއްވަން ނިންމައި ބްލެޓާ އިންތިހާބަށް މިދިޔަ ޖޫން މަހު ފުރުސަތު ހުޅުވާލުމުންނެވެ.