ދިވެހި އިންޑިއާގެ ގުޅުން

ހެލިކޮޕްޓަރާއި ޑޯނިއާ އޮޕަރޭޓް ކުރެވޭނެ ގޮތެއް އިންޑިއާއިން ހޯދަނީ

ރާއްޖޭގައި ބޭނުންކުރާ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން މަޝްވަރާކުރަމުންދާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖެއާއި އިންޑިއާދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް ދެގައުމުގެ އެންމެ އިސްވެރިން ހިމެނޭ ގޮތަށް އުފައްދާފައިވާ "ހައި ލެވެލް ކޮމިޓީ" ގެ ބައްދަލުވުމެއް އިއްޔެ ވަނީ ބާއްވާފަ އެވެ.

އެ ބައްދަލުވުމަށްފަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބަލި މީހުން އުފުލުމަށާއި އިންސާނީ އެހީތެރިކަމަށް ހެލިކޮޕްޓަރާޢި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ދެ ގައުމުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

ނަމަވެސް އިންޑިއާ ސިފައިން ބޭލުމުގެ މަތީ ފެންވަރުގެ މަޝްވަރާތަކަށްފަހު ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި މިކަން ފާހަގަކޮށްފައިނުވެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިންގެ މެދުގައި އެކުލަވާލާފައިވާ ޓެކްނިކަލް ކޮމިޓީގެ އިއްޔެ ބައްދަލުވުމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މާޗް 15 ގެ ކުރިން ރާއްޖެއިން ފޭބުމަށް ދިވެހި ސަރުކާރުން ވަނީ އަންގާފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި މިބައްދަލުވުމަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ބޭއްވި 12 ވަނަ ބައްދަލުވުމެވެ.