ދިވެހިރާއްޖޭގެ ޒަކާތު ހައުސް

މާލެ ސިޓީން ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

މާލެ ސިޓީން ފަގީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ފަގީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ މީހުންނަށް އެ ފުރުސަތު ރާއްޖޭގެ ޒަކާތު ހައުސް އިން ހުޅުވާލީ އިއްޔެ އެވެ.

ފަގީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 12:00 އަށް ހުޅުވާލާފަ އެވެ.

މިކަމަށް އެދި ހުށަހަޅާ ފޯމު ޒަކާތު ހައުސްގެ ކައުންޓަރުންނާއި އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި ފޯމު ބަލައިގަންނާނީ ޒަކާތު ހައުސްގެ ކައުންޓަރުން ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

ޒަކާތުގެ ކަންކަން ހަރުދަނާކުރުމަށް ރާއްޖޭގެ ޒަކާތު ހައުސް ރަސްމީކޮށް އިފްތިތާހުކޮށް ދެއްވީ މިމަހުގެ ދެވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ޒަކާތު ހައުސްގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތު ސެކްޝަނުން މިހާރު ކުރަމުންގެންދާ މަސައްކަތްތަކާއި ޒަކާތުގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތުން ބައެއް ޝަރީއާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ޒަކާތު ފަންޑު ތަރައްގީކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ހިމެނެ އެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެ އެވެ. މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިއުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުންވެސް ހިމެނެ އެވެ.