މޯލްޑިވްސް ޕޮލިސް ސާވިސް

ދިރުވާލައިގެން ޑްރަގު އެތެރެކުރި މީހެއްގެ ބަންދަށް އިތުރު 10 ދުވަސް

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދަށް މިދިޔަ ޑިސެމްބަރު މަހު ދިން 30 ދުވަސް ހަމަވުމުން ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 10 ދުވަސް ދީފަ އެވެ.

މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ކޯޓަށް ހާޒިރުކޮށް ދައުލަތުގެ ވަކީލު ވަނީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި ހުރި 40 ބުލެޓް އެތެރެކޮށްފައިވާކަން ފާހަގަކޮށްފަ އެވެ.

ތުހުމަތު ކުރެވޭ މީހާ ވައިގެ މަގުން ރާއްޖެއަށް އައިއިރު ހަށިގަނޑުގެ ތެރޭގައި ފޮރިން ބޮޑީސް ހުރި ކަމަށް ބެލެވިގެން ހެދި ސީޓީ ސްކޭންއިން ފޮރިން ބޮޑީސް ހުރި ކަމަށް ދައްކާފައިވާއިރު އޭނާ ބޮޑުކަމު ދިޔުމުގެ ތެރޭގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ބުލެޓް ބޭރުވެފައިވެ އެވެ.