ބޯކޮށް ވާރޭ ވެހުމުން ހުޅުމާލެ ސަހަރާގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އެ ކައުންސިލްގެ ބުދަ ދުވަހުގެ ބައްދަލުވުމުގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވަނީ ހުޅުމާލެ ސަހަރާގައި ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމަށް ހުށަހަޅުއްވާފަ އެވެ.
ކައުންސިލް ބައްދަލުވުމުގައި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަރީރު ވަނީ ހުޅުމާލެ ސަހަރާއަށް އިތުރަށް ވެލި އެޅުމަށް ހުށަހަޅުއްވާފަ އެވެ.
ސަހަރާގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށާއި ސަހަރާގައި ކުރަންހުރި މަރާމާތުތައްކުރަން ފާސްކުރީ އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ދާދިފަހުން ބޯކޮށް ވާރޭ ވެހި ހުޅުމާލެ ސަހަރާގައި ފެންބޮޑުވެ އެ ތަނުގައި މީހުން ވަޅުލުން ދެ ފަހަރަށް ވަގުތީ ގޮތުން މެދުކަނޑާލި އެވެ.
ހުޅުމާލެ ސަހަރާގައި މީހުން ވަޅުލަނީ މާލެ އާސަހަރާ ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާތީ އެވެ.