ފުވައްމުލައް

ފުވައްމުލަކުގައި ބާރަށް ދުއްވި މީހަކު އެކްސިޑެންޓްވެ ބޮޑެތި އަނިޔާތަކެއް

ފުވައްމުލަކުގައި ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހި މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުވައްމުލަކު ބޮޑުފަންނު މަގުގައި ރޭ 10:10 ހާއިރު ހިނގި މިއެކްސިޑެންޓްގައި އަނިޔާވީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ބައެއް މީހުންގެ ފަރާތުން އެނގިފައިވީ ނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް ލިބިފައެއް ނުވެ އެވެ. އެކަމަކު މޫނާއި ދެ އަތާއި ދެ ފަޔަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އޭނާ ފުރަތަމަ ގެންދިޔައީ ފުވައްމުލަކު ހޮސްޕިޓަލަށެވެ. ނަމަވެސް އިތުރު ފަރުވާއަށް ރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފަ އެވެ.

އަނިޔާވި މީހާ މާލެ ގެނެސްފައިވަނީ ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށްގެންނެވެ.

މިއެކްސިޑެންޓާ ގުޅޭ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.