ބޮލީވުޑް

ބޮލީވުޑްގެ ތަރިން މަޝްހޫރުވުމުގެ ކުރިން

ކޮންމެ ދާއިރާއެއްގައިވެސް ކާމިޔާބީއަކާ ހަމައަށް ކުރާ ދަތުރަކީ ދިގު އަދި އުނދަގޫ ދަތުރެކެވެ. އެތައް ކަމަކާ ކުރިމަތިލާ އެތައް ހަނގުރާމައެއް ކުރަންޖެހޭ ދަތުރެކެވެ. އިންޑިޔާގެ ފިލްމީ ދާއިރާއިން ކާމިޔާބީ ހޯދާ މިހާރު އެންމެ އުހުގައި ފިޔަޖަހާ ވިދަމުންދާ ތަރިންގެ ދަތުރުގައިވެސް މިފަދަ އެތައްކަމަކާ ވަނީ ކުރިމަތިލައިފައެވެ. މިއީ ހިތްވަރު އެލުވައިނުލާ މަސައްކަތްކޮށްފިނަމަ ކާމިޔާބީގެ ފޮނި ރަހަ ލިބޭނޭ ކަމުގެ މިސާލުތަކެކެވެ.

ބޮލީވުޑްގެ އެންމެ އަލިގަދަތަރި އަމީތާބް ބައްޗަން އޭނާގެ ހުވަފެންތަކުގައި ކުލަޖެއްސުމަށް ކުރި މަސައްކަތުގެ ފެށުމަކީ ކިތަންމެހާވެސް ނިކަމެތި ފެށުމެކެވެ. ހިންދީ ފިލްމުތަކުން މީހަކު ކާމިޔާބީއަށް ވާސިލްވުމަށް ކުރާ މަސައްކަތުގައި ދައްކުވައިދޭ ހިތްދަތި ހުރިހާ ކަމަކާ އަމީތާބްވެސް ވަނީ ކުރިމަތިލައިފައެވެ. އިންޑިޔާގެ އަލަހަބާދުން މުމްބާއީއަށް، ހުވަފެންތަކަކާއި އެކު ދަތުރުކުރި އަމީތާބް އެންމެ ފުރަތަމަ ރޭތައް ހޭދަކުރީ މުމްބާއީގެ މެރިން ޑްރައިވްގައި ހުންނަ ބެންޗްތަކެއްގަ އެވެ. އެއީ ވަންނާނެ ތަނެއް ހޯދަން ވެސް އަތުގައި ފައިސާނެތުމުން ކަމަށްވެއެވެ.

އަމީތާބަށްފަހު މިހާރު އެންމެ ނަގާކިޔާލެވޭ ކިންގް ހާންގެ ގޮތުގައި ނަންކިޔޭ ޝާޚް ރުކް ޚާންގެ ފެށުންވެސް އޮތީ މިފަދަގޮތަކަށެވެ. ނިއު ދިއްލީގައި މާސް ކޮމިއުނިކޭޝަނުން ޑިގްރީ ހާސިލްކުރުމަށް ކިޔަވަމުން ދިޔަ ޝާޚް، އޭނާގެ ކިޔެވުން ދޫކޮށްލުމަށްފަހު ފިލްމީ ތަރިއަކަށްވުމުގެ ހުވަފެންތަކާއި އެކު މުމްބާއީއަށް ބަދަލުވިއިރު އަތުގައި އޮތީ އެންމެ 1500 ރުޕީސްއެވެ. އޭނާ ބުނާގޮތުގައި މުމްބާއީގައި އޭނާ މަސައްކަތް ކުރި ފުރަތަމަ ދުވަސްކޮޅު ގިނަވަގުތު އޭނާ ހުންނަންޖެހިފައިވަނީ ބަނޑަށެވެ.

ޝާޚް އާއި އެކު ފިލްމީ ދާއިރާއަށް ތަޢާރަފްވި އަކްޝޭ ކުމާރުގެ ދަތުރުގައިވެސް ގިނަ އިމްތިހާންތަކަކާއި ކުރިމަތިލާފައިވެއެވެ. ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން އޭނާ މަސައްކަތްކުރީ ބެންކޮކްގެ ކެފޭއެއްގައި ވެއިޓަރެއް އަދި ތަށި ދޮންނަ މީހެއްގެ ގޮތުގައެވެ. އަދި ޝެފެއްގެ ގޮތުގައިވެސް ފަހުން މަސައްކަތްކުރި ނަމަވެސް އޭނާއަށް އެދެވޭ އާމްދަނީއެއް ނުލިބުމުގެ ސަބަބުން އެދުވަސްވަރު ނިދާހެދީ ރެސްޓޯރަންޓް ބަންދުކުރުމުން އެތަނުގެ ތަޅުންގަނޑުމަތީއެވެ.

ބެންކޮކްގައި މަސައްކަތްކުރި ދުވަސްވަރު މާޝަލް އާޓްސް ޓްރެއިނިން ނެގުމާއި އެކު އިންޑިޔާއަށް ދިރިއުޅުން ބަދަލުކޮށް ފިލްމީ ދާއިރާގައި މަސައްކަތް ކުރަންފެށީ ރަގަޅު މުސާރައެއްގެ ބޭނުމުގައެވެ.

ނަމަވެސް ލިބުނު ހައިރާންކުރުވަނިވި ކާމިޔާބީއާއެކު ވެސް އޭނާ ބުނާގޮތުގައި މަސައްކަތަށް ދުވަހަކުވެސް ފަރުވާކުޑަ ނުކުރުމީ އޭނާ އިސްކަންދޭ ކަމެކެވެ.

ދެން މި އޮތީ ޓީވީ އިންޑަސްޓްރީގެ ރާނީއެއްގެ ވާހަކައެވެ. ތުލްސީ ވިރާނީގެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން ބެލުންތެރިންގެ އެންމެ މަގްބޫލު ޓީވީ އާޓިސްޓެވެ.

ސްމްރިތީ އިރާނީ ފިލްމީ ދާއިރާއަށް ނުކުތުމަށް އެންމެ ފުރަތަމަ މިސްރާބަކަށް ހެދީ މިސް އިންޑިޔާއެވެ. 1997 ވަނަ އަހަރު މިސް އިންޑިޔާ މުބާރާތުން ލިބުނު ނާކާމިޔާބީއާއެކު މާޔޫސްވި ނަމަވެސް ހުވަފެންތައް ދޫކޮށްލަން އޭނާ ބޭނުން ނުވީއެވެ. އެއަށްފަހު އޭނާ ދެން މަސައްކަތްކުރީ މެކް ޑޮނަލްސްގައި މޮޕްއަޅާ ސާފުކުރާމީހެއްގެ ގޮތުގައެވެ. އަދި ޓީވީ ސިލްސިލާތަކުގެ އޮޑިޝަނުން އެތައް ފަހަރެއްގެ މަތިން ފެއިލްވި ނަމަވެސް ތުލްސީގެ ރޯލާއެކު އޭނާގެ ނަސީބު އަތުގައި ހިފީ ހިތްވަރު އެލުވާނުލާ ކުރިއަށް ދިއުމުގެ ސަބަބުން ކަމަށް އޭނާ ބުނެއެވެ.

މި ތަރިންގެ އިތުރުން އިންޑިޔާގެ ތަމަޅަ ފިލްމް އިންޑަސްޓްރީގެ އެންމެ އަލިގަދަ ތަރި ރަޖްނީކާންތު ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން މަސައްކަތްކުރީ ޓްރޭން ސްޓޭޝަންތަކުގައި ދަބަސް އުފުއްލާ މީހެއްގެ ގޮތުގަޔާއި ބަސް ޑްރައިވަރެއްގެ ގޮތުގައެވެ.

"ބާގް މިކާ ބާގް" ފަދަ ކާމިޔާބު ފިލްމުތަކުގެ ޑައިރެކްޓަރު ރާކޭޝް އޯމް ޕްރަކާޝް ޝަރްމާ މަސައްކަތް ކުރީ ފިލްމު ސެޓްތަކުގައި ސައި ޑެލިވާ ކުރާ މީހެއްގެ ގޮތުގައެވެ. އަދި މިހާރު ވިދަމުން އަންނަ ތަރި ނަވާޒުއްދީން ސިއްދީގަކީ ކުރިން ބޭސްފިހާރައެއްގެ ކެމިސްޓެއްގެ ގޮތުގައި އަދި ދޮރުފާރަވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި މީހެކެވެ.