ހަބަރު

ގްރީން ލޯން ސްކީމެއް ބީއެމްއެލްއިން ތައާރަފްކޮށްފި

  • 20 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޭނެ
  • އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް
  • ބޭނުމަކީ ގްރީން ޓެކްނޮލޮޖީ އިތުރުކުރުން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގްރީން ލޯންގެ ނަމުގައިި ލޯނެއް ތައާރަފްކޮށްފި އެވެ. މި ލޯން ސްކީމްގެ ދަށުން 50،000 ރުފިޔާ އާއި 20 މިލިއަން ރުފިޔާއާ ހަމަޔަށް ލޯން ދޭނެ އެވެ.

މި ލޯން ތައާރަފްކޮށްދެއްވީ ތިމާވެއްޓާބެހޭ ވަޒީރު ތޯރިގު އިބްރާހިމެވެ. ލޯން ތައާރަފްކުރީ ބީއެމްއެލްގެ ވ. ފެލިދޫ ބްރާންޗް ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީތަކާއި އިޔާދަކުރުވަނި ހަކަތަ އުފެއްދުމަށް ބޭނުންކުރާ ސާމާނު އޮފީސްތަކާއި ގެތަކުގައި ބެހެއްޓުމަށް މި ސްކީމްގެ ދަށުން ލޯނު ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެެވެ.

ގްރީން ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ދިނުމަށް ބީއެމްއެލްއިން ވަނީ ނިންމާފަ އެވެ. ލޯނު ނަގަން ރަހުނުގެ ގޮތުގައި އިމާރާތާއި ގޯތީގެ ރަޖިސްޓްރީ އާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު އަދި ލޯނުގެ ގޮތުގައި ނަގާ ފައިސާ އިން ހޯދާ ތަކެތި ނުވަތަ އާލާތްތައް ބެހެއްޓޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ، ބީއެމްއެލްއިން އަލަށް ތައާރަފްކުރި ލޯނުގެ ސަބަބުން ވަކިވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް ގްރީން ޓެކްނޮލޮޖީއަށް އިންވެސްޓްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ކޮޕް 21 ގައި ނިންމި ނިންމުން ތަންފީޒުކުރުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބީއެމްއެލްއިން ވަނީ ގްރީން ފަންޑްގެ ނަމުގައި ފަންޑެއް ވެސް ތައާރަފްކޮށްފަ އެވެ. ގްރީން ލޯން ތައާރަފްކޮށްފައިމިވަނީ އެ ފަންޑްގެ ދަށުންނެވެ. ގްރީން ފަންޑަކީ 500 މިލިއަން ރުފިޔާގެ ފަންޑެކެވެ. ފަންޑުގެ މަގުސަދަކީ އިޔާދަކުރުވަނިވި ހަކަތަ ބޭނުންކުރުމަށް ހިތްވަރު ދިނުމެވެ.

ތިމާވެއްޓާބެހޭ ވުޒާރާއާ ގުޅިގެން ތައާރަފްކޮށްފައިވާ ގްރީން ފަންޑާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ތިމާވެއްޓާބެހޭ ވަޒީރު ތޯރިގު އިބްރާހިމް ވިދާޅުވެފައިވަނީ، ރާއްޖޭގެ މިސްރާބު ޖަހާފައިވަނީ ކާބަން މަދު އިގްތިސާދެއް ގާއިމުކުރުމަށް ކަމަށާއި ދުވާލު ބޭނުންކުރާ ހަކަތައިގެ 30 އިންސައްތަ އިޔާދަކުރުވަނި ހަކަތައިން އުފެއްދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.