ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 އާ ގުޅޭ ޝަކުވާތައް ބަލައިގަތުމުގެ ނިޒާމު ގާއިމުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަނުން ބުނީ މަޖިލިސް އިންތިހާބާއި ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި އިންތިހާބާބެހޭ މަރުކަޒު -- ދަރުބާރުގޭގައި ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ޝަކުވާ ހުށަހަޅާ ފޯމު އެ ކޮމިޝަންގެ ވެބްސައިޓުންނާއި އިންތިހާބާ ބެހޭ މަރުކަޒުންނާއި އީސީގެ އިދާރާގެ ކައުންޓަރުން ލިބޭނެ އެވެ. މީގެ އިތުރުން ރަށްރަށުގެ ރަށު ކައުންސިލް އިދާރާ އަދި ރަށު، އަވަށު، އަތޮޅު އަދި ސިޓީތަކުގައި ގާއިމުކޮށްފައިވާ ކޮމިޝަންގެ ފޯކަލް ޕޮއިންޓްތަކުންވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
ރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ފޯކަލް ޕޮއިންޓުތަކުންވެސް ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނެ ކަމަށް އީސީން ބުނެ އެވެ.
ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ގުޅޭނެ ނަންބަރަކީ 3004498 އެވެ.
ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 3:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށެވެ.
ރޯދަ މަހުގައި ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 1:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށެވެ.
މީގެ އިތުރުން މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ މާޗް 17 ވަނަ ދުވަހު ވޯޓު ނަގަން ފެށުނީއްސުރެ ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމާއި ހަމައަށް ޝަކުވާ ބަލައިގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.