ހުސައިން ޝަމީމް

ޕީޖީ ޝަމީމަށް ދިން ހަމަލާ ޕާޓީތަކުން ކުށްވެރިކޮށްފި

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ބަޔަކު މިއަދު ހަމަލާ ދިނުމާ ގުޅިގެން ބައެއް ސިޔާސީ ޕާޓީތަކުން އެކަން ކުށްވެރިކޮށްފި އެވެ.

ދަ ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕީޖީ ޝަމީމަށް ދުރާލާ ރާވައިގެން މަގުމަތިން ދިން ހަމަލާ އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ސިޔާސީ ކަންކަމުން އެއްކިބާވެ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި މުހިއްމު މަސްއޫލިއްޔަތުތަކެއް އަދާކުރުމަށް ގާނޫނުއަސާސީގެ ދަށުން މަތިކޮށް އައްޔަނުކޮށްފައިވާ ދައުލަތުގެ މަގާމެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅަކަށް ހަމަލާ ދިނުމަކީ މުޅި ނިޒާމަށް ދެވޭ ހަމަލާއެއް ކަމަށާއި މިއީ ނުރައްކާތެރި ސިގްނަލެެއް ކަމަށެވެ.

"ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ދިން ހަމަލާގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވައިދެއްވައި، ޒިންމާވާ ފަރާތްތައް އަވަސް ފުރުސަތެއްގެ ތެރޭގައި އިންސާފުގެ ކުރިމައްޗަށް ގެނެސްދެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި ޕާޓީން ގޮވާލަމެވެ." ޑިމޮކްރެޓުންގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ސަރުކާރުގައި މިފަދަ އަނިޔާވެރި އަދި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ޖެހިލުމެއްނެތި ހަމަލާތައް ދެވެނީ މި ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތް ގުޅުންތަކާހުރެ އެ ކުށްކުރާ ގްރޫޕްތަކަށް މި ސަރުކާރުން ދޭ ހިމާޔަތުގެ ސަބަބުން ކަމަށް އެމްޑީޕީން ގަބޫލުކުރާ ކަމަށެވެ. އެހެންވެ މިސަރުކާރާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތްގުޅުމެއްގެ ތެރެއިން ގުރޫޕްތަކުގެ މީހުންނަށް ދެމުންދާ ހިމާޔަތާއި ރައްކާތެރިކަން ހުއްޓާލުމަށްވެސް ގޮވާލާފައިވެ އެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ރައީސް ޑރ މުއިއްޒަށް ގޮވާލަނީ ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނަރަލްއަށް ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގާ, ދައުލަތުގެ ވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ އަދި އެމަނިކުފާނަށް ހަމަލާ ދިން ފަރާތްތައް ހޯދާ އަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ ޕާޓީ -- މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިންވެސް ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެެވެ.

"އަވަސް ފިޔަވަޅުތަކެއް އަޅައި، މި އަމަލުގެ ފަހަތުގައިވާ ކުށްވެރިން އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރަން،" އެމްޓީޑީން ބުނެފައިވެ އެވެ.

މިއަދު ފަތިހުގެ ވަގުތެއްގައި ޕީޖީ ޝަމީމަށް ހަމަލާދީފައިވަނީ އޭނާ ކަސްރަތަށް ނިކުން ވަގުތު މަރުތޭލަކުން ކަމަށާއި މި ހާދިސާގައި އޭނާގެ އަތުގެ ކަށިގަނޑުގައި ރެނދުލާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޝަމީމަށް ހަމަލާދީފައިވަނީ ނޫރު މިސްކިތް ކައިރިންނެވެ. ހަމަލާދިން ވަގުތު ޝަމީމްގެ އަރިހުގައި ސެކިއުރިޓީ ބޭފުޅަކު ނެތް ކަމަށްވެ އެވެ.

ޝަމީމަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު ޕީޖީ ޝަމީމަށް ހަމަލާދިން މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.