މަސްވެރިކަން

މަހުގެ އެކްސްޕޯޓް ތިން ޕަސަންޓް އިތުރުވެއްޖެ

ރާއްޖެއިން މަސް އެކްސްޕޯޓުކުރި މިންވަރު 2022 ވަނަ އަހަރާއި އަޅާބަލާއިރު ނިމުނު 2023 ވަނަ އަހަރު 3.5 ޕަސަންޓް އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 78،766 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކޮށްފައިވެ އެވެ. 2022 ވަނަ އަހަރު އެކްސްޕޯޓުކުރީ 76،009 މެޓްރިކް ޓަނުގެ މަހެވެ.

ރާއްޖެއިން މިދިޔަ އަހަރު އެކްސްޕޯޓުކުރި މަހުގެ އަގު 151.3 މިލިއަން ޑޮލަރު -- 2.3 ބިލިއަން ރުފިޔާއަށް އަރަ އެވެ. 2022 ވަނަ އަހަރު އެކްސްޕޯޓުކުރީ 146.5 މިލިއަން ޑޮލަރު -- 2.2 ބިލިއަން ރުފިޔާގެ މަހެވެ.

ރާއްޖެއިން މިދިޔަ އަހަރު އެންމެ ގިނައިން އެކްސްޕޯޓުކުރީ ކަޅުބިލަ މަހެވެ.

އެ ގޮތުން 54،732 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް މިދިޔަ އަހަރު އެކްސްޕޯޓުކޮށްފައިވާއިރު 9،272 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓުކުރި އެވެ.

މީގެ އިތުރުން މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 12،417 މެޓްރިކް ޓަނުގެ މަސް ވަނީ ރާއްޖެއިން ބޭރުކޮށްފަ އެވެ.