އެކިއެކި ކުށްތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާ މީހުންނާ ގުޅޭ މައްސަަލަތައް ހައްލުކުރުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް ނިންމައިފި އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކުރާ އަމުރުތައް ގާނޫނީ ދާއިރާގެ ބޭފުޅުންނާއި އާންމުންގެ މެދުގައި މަޝްހޫރު ވެފައި އޮންނާނީ "ވާނުވާ" ގޮތުގައެވެ. އެއީ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާ މީހުންގެ ޝަރީއަތް ނިމޭނެ ވަކި ދުވަހެއް އެއްވެސް މީހަކަށް ބުނަން ނޭނގޭތީ ބޭނުންކުރާ ބަހެކެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގާނޫނުތައް އެކަށައެޅުމުގައި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ ކުށް މަދުކުރުން ކަމަށެވެ.
ރައީސް ވިދާޅުވީ ކުށްކުރާ މީހުންނަށް ރަނގަޅު މަގުދައްކައިދީ އަލުން މުޖުތަމައަށް ގެނައުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ. ޖަލަށްލެވޭ، އަދަބުދެވޭ ނިސްބަތް މަދުކޮށް ޖަލުތައް ހިންގައި ބެލެހެއްޓުމުގެ ނިޒާމު ޒަމާނީކޮށް ޖަލުތަކަކީ އޯގާވެރިކަމާއެކު އިސްލާހުކުރަން މަސައްކަތްކުރާ ތަންތަނަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
"އެކިއެކި ކުށްތަކުގެ ތަހްގީގާއި، 'ވާނުވާ'ގައި އާދެ، ވަކި މުއްދަތެއް ނެތި ބަންދުކޮށްފައި ތިބުން ނިމުމަކަށް ގެނައުން އެއީ ރިޔާސީ އިންތިހާބުގައި އަޅުގަނޑުވީ ވައުދެއް. ތަހްގީގަށް ހައްޔަރުކޮށްފައި 'ވާނުވާ'ގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށާނަން. އަދި ރައްޔިތުންގެ މަޖިލީހުގެ މި ފެށޭ ދައުރުތެރޭގައި ގާނޫނަށް އިސްލާހު ހުށަހަޅާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީއާއި ގާނޫނުތަކުން ކޮންމެ މީހަކަށްމެ ލިބިދީފައިވާ އެންމެހައި މަދަނީ ހައްގުތައް ލިބިދޭކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައްވެސް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
"]އެކަން[ ވިލަރެސް ކުރުމަށްޓަކައި އަޅުގަނޑު ވައުދުވީ ފަދައިން "އޮފީސް ފޯ ސިވިލް ރައިޓްސް"ގެ ނަމުގައި ބަންޑާރަނައިބުގެ އޮފީހުގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެއް، ވޭތުވެދިޔަ އަހަރުގެ ނޮވެމްބަރު މަހު ވާނީ ގާއިމުކޮށްފައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މަދަނީ އަދި ސިޔާސީ ހައްގުތައް ލިބިދިނުމުގައި ކުރެވޭ އެކިއެކި ތަފާތުކުރުންތަކާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކާއި، މަދަނީ އަދި ސިޔާސީ ހައްގުތައް ހަނިކުރުމާއި ނުވަތަ ހިފެހެއްޓުމާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދު ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ދިނުމުގެ މަސައްކަތް އެ އޮފީހުން ކުރާނެ ކަމަށެވެ.