ޑރ. މުހައްމަދު މުއިއްޒު

ތ. އަތޮޅުގައި އިތުރު ރިސޯޓު މިއަހަރު ތަރައްގީކުރަން ފެށޭނެ: ރައީސް

ތ. އަތޮޅުގައި އިތުރު ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް މި އަހަރު ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާންމުންގެ ސުވާލުތަކަށް ރައީސް ޑރ. މުއިއްޒު ޖަވާބު ދެއްވުމަށް ކުރިއަށް ގެންދަވާ "ރައީސްގެ ޖަވާބު" ގައި އެމަނިކުފާނަށް މިއަދު ސުވާލު އަމާޒުވީ ތ. އަތޮޅުގެ ރިސޯޓު ފަތުރުވެރިކަމާއި ގުޅޭ ގޮތުންނެވެ. އެ އަތޮޅުގައި މިވަގުތު އޮންނަނީ އެންމެ ރިސޯޓެކެވެ.

ސުވާލުގެ ޖަވާބުގައި ރައީސް މުއިއްޒު ވަނީ މި ދައުރުގައި ތ. އަތޮޅަށް އިތުރު ރިސޯޓު ގެންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

"ވަރަށް ޔަގީން މިއަހަރުވެސް ފެށޭ ވަރުވާނެ. އަދި މި ފަސް އަހަރުގެ ތެރޭގައި ބަހާލައިގެން ގިނަ ރިސޯޓުތަކެއް މުޅި އަތޮޅުގެ އެކި ހިސާބަށް އެކި ދާއިރާތައް ކަވަރުވާ ގޮތަށް ގެނެސްދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޒުވާނުން ރަށުގައި ތިބެގެން ކައިރި ރިސޯޓުތަކުން ވަޒީފާ ހޯދޭނެ ފުރުސަތު ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަން ފެނިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ތ. ތިމަރަފުށީގައި އެއާޕޯޓެއް ހިންގަމުންދާއިރު ރައީސް މުއިއްޒު ވިދާޅުވީ ތ. ގުރައިދޫ އެއާޕޯޓާއި ތ. ވިލުފުށީ އެއާޕޯޓާއެކު ކަނެކްޓިވިޓީ އިތުރުވެގެންދާނެ ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުޅާކޮށް ތަރައްގީކުރުމުގެ މަސައްކަތް އަވަސްކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެއާއެކު ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.