ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

އިންތިހާބަށް ވަގުތު ހަމަވަނީ، ހުށަހެޅި ފޯމު މަދުވުން އީސީގެ ކަންބޮޑުވުން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު ހަމަވަމުންދާއިރު އިންތިހާބުގައި ވާދަކުރަން މިހާތަނަށް ހުށަހެޅި މީހުންގެ އަދަދު މަދުވުމުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަންބޮޑުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ މީހުންނަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު އެވެ. ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވި ގޮތުގައި މަޖިލިސް އިންތިހާބުގައި ވާދަކުރަން މިހާތަނަށް އެ ކޮމިޝަނަށް ލިބިފައިވަނީ 18 މީހެއްގެ ފޯމެވެ.

"އިންތިހާބަށް ކުރިމަތިލުމަށް ބާކީ ދެން އޮތީ ހަތަރު ދުވަސް. އިންތިހާބުގެ ތާރީހަށް ބަދަލެއް އަޔަސް އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދެން އިތުރު މުއްދަތެއް ނުދޭނެ،" ހަބީބު ވިދާޅުވި އެވެ.

އެންމެފަހު ވަގުތު ފޯމު ހުށަހަޅަން މަޑުކޮށްފިނަމަ، ފަހަރެއްގައި ފޯމުގެ މައްސަލައެއް ދިމާވެގެން އިސްލާހުކުރަން ޖެހިގެން ފޯމު އިސްލާހުކުރުމުގެ ފުރުސަތު ނުލިބިދާނެ ކަމަށްވެސް ހަބީބު ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހު އެވެ.

މަޖިލިސް އިންތިހާބު ބާއްވާ ތާރީހު ރޯދަ މަހާ ދިމާވާތީ ރޯދައިގެ ފަހުން އިންތިހާބު ބާއްވަން އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ވަނީ އިސްލާހެއް ހުށަހަޅާފަ އެވެ. މަޖިލީހުގެ ކޮމިޓީން ވަނީ އެ އިސްލާހު ފާސްކޮށްފަ އެވެ.