ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް މަގާމުން އައްޔަން ކޮށްފައި ވަނީ އިޖްރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް ދައުލަތުން މިއަދު ޝަރީއަތުގެ މަޖިލީހުގައި ބުނެފި އެވެ.
ދައުލަތުން މިހެން ބުނީ ހައިކޯޓްގައި މިއަދު އޮތް މައްސަލައިގެ އަޑު އެހުމުގައެވެ.
ގާނޫނަށް ގެނައި ބަދަލެއްގެ ތެރެއިން، ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމްގެ މަގާމު ގެއްލުނު މައްސަލައިގެ އަޑުއެހުމެއް މިއަދ ބޭއްވީ އަހަރަކަށް ފަހު އެވެ.
ނިޔާޒުގެ މަގާމު ގެއްލުނީ އާ އޮޑިޓަ ޖެނެރަލަކު އައްޔަން ކުރަން ޖެހޭ ގޮތަށް އޮޑިޓް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހަކުންނެވެ. އެ އިސްލާހު ގެންނަން އުޅުމުން ނިޔާޒު ވަނީ އެ ކަން ހުއްޓުވުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހަޅުއްވައިފަ އެވެ. އެހެން ނަމަވެސް ސިވިލް ކޯޓުން ވަނީ އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމައިފަ އެވެ.
ނިޔާޒުގެ މަގާމު މަޖިލީހުން ގެއްލުވާލި ދުވަހު، ނިޔާޒު ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެމްއެމްޕީއާރްސީގެ ތެރެއިން ހިންގެވި އެތައް މިލިއަން ޑޮލަރެއްގެ ހިޔާނާތާ ގުޅޭ އޮޑިޓް ރިޕޯޓެއް އާންމު ކުރައްވައިފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ، ނިޔާޒުގެ މަގާމު ގެއްލުވާލީ އެ ރިޕޯޓު ނެރެން އެބޭފުޅާ މަސައްކަތް ކުރެއްވުމުން ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ އެދުމުގެ މަތިން އޮޑިޓް އޮފީހުން އެކުލަވާލި ރިޕޯޓަކުން އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ފެންމަތިވުމާ އެކު ނިޔާޒު ގެންދަވަނީ އެއީ ސަރުކާރުގެ އިސްވެރިން ކުރެއްވި ކަމެއްގައި ތުހުމަތު ކުރައްވައި، މީޑިއާތަކުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނިޔާޒު މިއަދު ވިދާޅުވީ، އޭނާ މަގާމުން ދުރުކުރީ، ސަރުކާރުގެ ރޭވުން ގަނޑެއްގެ ތެރެއިން ކަމަށެވެ.
ބަންޑާރަ ނައިބު އޮފީހުގެ ވަކީލުން ވިދާޅުވީ، އޮޑިޓް ގާނޫނަށް ގަނައި އިސްލާހަކީ އިޖުރާއުތައް ފުރިހަމަ ކުރުމަށް ގަނައި އިސްލާހުތަކެއް ކަމަށެވެ. އެގޮތުން އެޑިޓާ ޖެނަރަލެއްގެ ޝަރުތުތަކާއި ސުލޫކީ މިންގަނޑުތައް ކުރިން ގާނޫނޫގަިއ ބަޔާން ކުރެވިފައިނުވާ ކަމަށް ވިދާޅުވި އެވެ. އޮޑީޓް ގާނޫނަށް އިސްލާހު ގެނެސް 30 ދުވަހުގެ ތެރޭގައި އާ އޮޑިޓާ ޖެނަރަލެއް އައްޔަންކުރުމަށް އިއުލާން ކުރެވުނުއިރު ނިޔާޒަށް ވެސް ކުރިމަތިލުމުގެ ފުރުސަތު އޮތް ކަމަށެވެ. ނަމަވެސް ނިޔާޒު ކުރިމަތި ނުލައްވާ ކަމަށް ވިދާޅުވި އެވެ.