ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ރޯދައިގެ ފަހުން މަޖިލިސް އިންތިހާބު ބާއްވަން ހުށަހެޅި އިސްލާހު ފާސްކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވަން އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ. އެކަން ދިރާސާކުރަން އެކުލަވާލި ވަގުތީ ކޮމިޓީން ވަނީ ރޯދައިގެ ފަހުން އިންތިހާބު ބާއްވަން ފާސްކޮށްފަ އެވެ.

ކޮމިޓީން ނިންމި ގޮތަށް ގާނޫނަށް އެ އިސްލާހު ގެންނަން 46 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ތިން މެންބަރުން ވޯޓު ދެއްވި އެވެ.

މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތް ނަމަވެސް ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވައިގެން ނުވާނެ ކަމަށެވެ.

އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާނަމަ އެ އިންތިހާބެއް ބާއްވަންވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށްވެސް އިސްލާހުގައިވެ އެވެ.

މިފަދަ ހާލަތުގައި އެ އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނުގެ ދަށުން ނުވަތަ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވާނަމަ އެ މުއްދަތުތަކަށް ބަދަލު ގެނެސް އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތު ކަނޑައަޅަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.

އިސްލާހުގައިވާ ގޮތުން އިންތިހާބެއް ބޭއްވުމުގެ މަދުވެގެން 45 ދުވަސް ކުރިން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެންމެފަހުގެ މައުލޫމާތު ފުރިހަމަކުރުމަށްފަހު އާންމުކުރަންޖެހޭނެ އެވެ.

މި އިސްލާހު ހުށަހެޅިއިރު މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މާޗް 17 ވަނަ ދުވަހެވެ.