ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

4،600 އަށްވުރެ ގިނަ މީހުންގެ ވޯޓުގެ ސިއްރުކަން ގެއްލޭ، ރީ-ރަޖިސްޓްރީވާން ހުޅުވާލައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ވޯޓުފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުން އެ ނޫން ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.

އެ ކޮމިޝަނުން ހާމަކުރި ގޮތުގައި މާޗް 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ ގޮތުން 4،651 މީހެއްގެ ވޯޓުގެ ސިއްރުކަން ގެއްލެ އެވެ.

ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުން ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު މިއަދު ހެނދުނު 8:30 އިން މާދަމާ ހަވީރު 4:00 އަށް ވަނީ ހުޅުވާލާފަ އެވެ.

މީގެ އިތުރުން ވޯޓުފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ރަޖިސްޓްރީ ނުވާތީ ވޯޓުފޮށި ނުބެހެއްޓުމަށް ނިންމި ތަންތަނަށް ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުން އެހެން ވޯޓު ފޮއްޓަކަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތުވެސް އެ ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.

ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ރަޖިސްޓްރީ ނުވާތީ ހުޅުލެ-1 ވޯޓުފޮށީގެ އިތުރުން 17 ރިސޯޓާއި ރާއްޖެއިން ބޭރުގެ ހަތަރު ގައުމެއްގައި ވޯޓު ފޮށި ނުބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.