ޓޫރިޒަމް

ފަތުރުވެރިންގެ އަދަދު 16 ޕަސަންޓް އިތުރުވެއްޖެ

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 16 ޕަސަންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 287،067 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 247،164 ފަތުރުވެރިންނަށްވުރެ 39،903 ފަތުރުވެރިން -- 16 ޕަސަންޓް އިތުރުވުމެކެވެ.

ރާއްޖެއަށް އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެ ގައުމުން 39،205 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެއީ ޖުމްލަ ފަތުރުވެރިންގެ 13.7 ޕަސަންޓެވެ.

ރަޝިއާއިން 28،163 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އިޓަލީވިލާތުން 27،128 ފަތުރުވެރިން އަދި އިނގިރޭސިވިލާތުން 25،540 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖެއަށް މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން އަހަރުގެ މިހާތަނަށް 20،535 ރާއްޖެ އައިސްފައިވާއިރު ޖަރުމަނުން 17،333 ފަތުރުވެރިން އަދި ފްރާންސުން 10،245 ފަތުރުވެރިން އައިސްފައިވެ އެވެ.

މީގެ އިތުރުން އެމެރިކާއިން 9،446 ފަތުރުވެރިން، ޕޮލެންޑުން 7،676 ފަތުރުވެރިން އަދި ސްވިޓްޒަލޭންޑުން 6،421 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.