- ފަޅަށް ލިބުނު އެއް މިލިޔަން ޑޮލަރު ހަވާލުކުރީ އަދީބާ
- އަދީބުގެ ނުފޫޒުގައި ބަޔާންދިނީ އޭނާގެ ވަކީލް ހުރުމުން
![](https://images-01.avas.mv/post/big_OpW2rxxp8Dh69iN.jpg)
ތަހުގީގުގައި ކުރިން ފުލުހުންނަށް ބަޔާންތައް ދިނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ނުފޫޒުގައި ހުންނަވައިގެން ކަމަށާއި މާލެ އަތޮޅު ފަޅެއް އެބޮނީ ޕްރައިވެޓް ލިމިޑެޓަށް ކުއްޔަށް ދީގެން ލިބުނު ފައިސާއަށްވާ އެއް މިލިޔަން ޑޮލަރުގެ ޗެކް ހަވާލު ކުރީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ ކަމަށް އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ޝަރީއަތުގައި ވިދާޅުވެއްޖެ އެވެ.
ޒިޔަތު މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރެއިން ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާތަކުގައި ހިމެނޭ މާލެ އަތޮޅުގެ ފަޅެއް ކުށްޔަށް ދިން މައްސަލާގެ ޝަރީއަތުގެ އަޑުއެހުމުގަ އެވެ. ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ސެޕްޓެމްބަރު 29، 2015، ގައި އެބޮނީ ޕްރައިވެޓް ލިމިޑެޓް ނަމަކަށް ކިޔާ ކުންފުންޏަކަށް، 50 އަހަރަށް މާލެ އަތޮޅުގެ ފަޅެއް ކުށްޔަށް ދޫކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ.
ޒިޔަތު މިއަދު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލާގަ އާއި އަދި އޭނާއަށް ތުހުމަތު ކުރާ އެހެން ހުރިހާ މައްސަލަތަކެއްގައި މީގެ ކުރިން ފުލުހުންގެ ތަހުގީގަށް ދީފައިވާ ހުރިހާ ބަޔާންތަކެއް ދީފައި ވަނީ އަމިއްލަ އިހުތިޔާރުގައި ހުރެ ނޫން ކަމަށާއި އޭނާ ދައްކަން ބޭނުންވާ ހަގީގީ ވާހަކަ ދައްކަވަނީ މިހާރު ކަމަށެވެ.
ޒިޔަތު ވިދާޅުވީ ކުރިން ކަން ކޮށްފައި ވާނީ އަދީބު އެންގެވި ގޮތަށް ކަމަށާއި ތަހުގީގީ ބަޔާން ދެއްވިއިރު އަމިއްލަ އިހުތިޔާރުގައި ހުރެ ބަޔާން ނުދެއްވުނީ އޭރު ވަކީލެއްގެ ގޮތުގައި ހުރީ، އަދީބުގެ ވެސް ގާނޫނީ ވަކީލް މޫސާ ސިރާޖު ކަމަށް ވާތީ ކަމަށެވެ.
މިއަދު ދެ ފަރާތުން ވެސް ވަނީ ހެކި ހުށަހަޅާފަ އެވެ.
ދައުލަތުގެ ހެކި
- އެކޮނޮމިކް މިނިސްޓްރީގެ ސިޓީއެއް
- އެބޮނީ ޕްރައިވެޓް ލިމިޑެޓުން ދިން ޗެކް
- ފަޅު ދޫކުރުމަށް އެމްއެމްޕީއާރްސީ އަދި ޓޫރިޒަމް މިނިސްޓަރުން ހެދި އެއްބަސްވުން
- ފަޅު ދޫކުރުމަށް އެމްއެމްޕީއާރްސީ އަދި އެބޮނީއިން ހެދި އެއްބަސްވުން
- ޓޫރިޒަމް މިނިސްޓްރީގެ ސިޓީއެއް (މުއާމަލާތަކީ ޝައްކު އުފެދޭ މުއާމަލާތެއްކަން ސާބިތުކޮށްދިނުމަށް)
- އެމްއެމްޕީއާރްސީގެ ބޭންކް ސްޓޭޓްމެންޓް
- އެސްއޯއެފް އެކައުންޓް ސްޓޭޓްމެންޓް
- ފައިސާ ދެއްކުމަށް އެބޮނީއަށް އެމްއެމްޕީއާރްސީއިން ފޮނުވި ސިޓީ
- އެބޮނީއިން އެމްއެމްޕީއާރްސީއަށް ދިން ޗެކް
ދިފާއީ ހެކި
- އެމްއެމްޕީއާރްސީގެ މުއައްޒަފު މުހައްމަދު ޝިފާއު
- އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓް
- ބީއެމްއެލްގެ މެއިން ބްރާންޗްގެ މެނޭޖަރު
މިއަދުގެ އަޑުއެހުމުގައި ޒިޔަތު ވިދާޅުވީ، އެބޮނީއިން ދިން ޗެކާ ހަވާލުވެ ވަޑައިގެންނެވި ކަމަށާއި ޓޫރިޒަމް މިނިސްޓްރީން ފޮނުވި ސިޓީއަކާ އެއްގޮތަށް އެ ފައިސާ އަދީބާ ހަވާލުކުރީ ކަމަށެވެ. ސިޓީގައި ވަނީ އަދީބު އަންގާ ގޮތްތަކަށް ރަށް ދޫކުރުމަށް އަންގާފަ އެވެ. ޒިޔަތު ވިދާޅުވީ، އަދީބަށް އެ ފައިސާގެ ޗެކް ހަވާލުކުރީ ޓޫރިޒަމް މިނިސްޓްރީގެ މިނިސްޓްރީ ބިއުރޯގެ ތެރޭގައި ކަމަށެވެ. އޭރު ހުރިހާ ކަމެއް ވެސް ކުރަމުން ދިޔައީ އަދީބު އެންގެވި ގޮތަށް ކަމަށް ޒިޔަތު ވިދާޅުވި އެވެ.
އެ ފަޅުގެ މައްސަލައިގައި މަގާމުގެ ނުފޫޒު ބޭނުން ކުރި ކަމުގެ ދައުވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ވަނީ އުފުލައިފަ އެވެ. އަދީބު ވެސް އެ ދައުވާއަށް އިންކާރު ކުރައްވަ އެވެ. އެމްއެމްޕީއާރުސީ އިން ދޫކުރި އެހެނިހެން ވެސް ރަށްތަކާއި ފަޅުތަކުގެ މައްސަލައިގައި އަދީބާއި ޒިޔަތުގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ގާތްގަނޑަކަށް 50 އެއްހާ މައްސަލަ ޕީޖީއަށް ފޮނުވައިފަ އެވެ.