މާލެ ސަރަހައްދުގެ އެކި މަގުތަކުގައި ނުދުއްވާ އެތައް ދުވަހެއް ވަންދެން ބާއްވާފައި އޮންނަ ދުވަސްވީ އުޅަނދުތައް ނައްތާލުމަށް ފެށި މަސައްކަތުގެ ތެރެއިން މިހާތަނަށް 50 އަށްވުރެ ގިނަ އުޅަނދު ނައްތާލައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ނައްތާލުމުގެ މަސައްކަތުގެ ތެރެއިން 56 އުޅަނދު ވަނީ ނައްތާލާފަ އެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައިވާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުންނާ އަދި މާލެ ސިޓީ ކައުންސިލް ގުޅިގެންނެވެ.
ބޭނުންނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައިވާ އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމް ފައްޓަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ވެހިކަލްތައް ގިނަވެ މަގުތައް ތޮއްޖެހުން ބޮޑުވެ އާންމުންނަށް ދަތިވަމުންދާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އަދި މި ޕްރޮގްރާމާ އެކު ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ނައްތާލާނީ މާލޭގެ މަގުތަކުގައި ޕާކްކޮށްފައި އޮންނަތާ ގިނަ ދުވަސްވީ އުޅަނދުތަކެވެ. އަމިއްލައަށް އެދިގެން ވެހިކަލެއް ނައްތާލުމަށް އެއްވެސް ފަރާތަކުން އެދޭނަމަ މި ޕްރޮގްރާމުގެ އިތުރު ބައެއްގައި އެކަން ހަމަޖެހިގެންދާނެ އެވެ.
މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް މާޗް ތިންވަނަ ދުވަހުގެ ނިޔަލަށެވެ.