ވެމްކޯ

ކުނި އުކާލާ އާއްމު އުޅަނދުތަކުން ނަގާ ފީ ކުޑަކުރަނީ

މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކުނި އުކާލަން އަންނަ އާއްމު އުޅަނދުތަކުން ނަގާ ފީ އަންނަ މަހުން ފެށިގެން ކުޑަކުރަން ނިންމައިފި އެވެ.

އާއްމުންގެ ފަރާތުން ކުނި ގެންނަ އުޅަނދުގެ ޓަނަކަށް މިހާރު 1،060 ރުފިޔާ ޗާޖު ކުރަމުންދިޔަ ނަމަވެސް އަންނަ މާޗް ފުރަތަމަ ދުވަހުން ފެށިގެން ޓަނަކަށް ޗާޖުކުރާނީ 750 ރުފިޔާ ކަމަށް ވެމްކޯ އިން ބުނެ އެވެ.

ވެމްކޯ އިން ބުނީ މާލެ ސަރަހައްދުގައި ކުނި އުކާލުމުގެ ހިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކަށް އަންނަ އާއްމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއްގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާގެ ޗާޖެއް ނަގާނެ ކަމަށެވެ.

އަގަށް ގެނެވޭ ބަދަލާއެކު މާލެ ސަރަހައްދުގައި ވެއި ބުރިޖް ގާއިމުވެފައިވާ ފެސިލިޓީތަކަށް ކުނި ގެނައުމުން އާއްމުންގެ ފަރާތުން އަންނަ އުޅަނދަކަށް ޗާޖުކުރާނީ ގެންނަ ކުނީގެ ބަރުދަނަށް ބަލައި ޓަނަކަށް 750 ރުފިޔާ ކަމަށް ވެމްކޯ އިން ބުނެ އެވެ. އަދި ވެރި ބުރިޖް ގާއިމުވެފައި ނުވާ ފެސިލިޓީތަކުން އާއްމުންނަށް ޗާޖުކުރާނީ އުޅަނދުގެ ރަޖިސްޓާޑް ޓަނަކަށް 750 ރުފިޔާގެ މަހުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ވެމްކޯ އިން ބުނީ މިފަދަ ފެސިލިޓީތަކަށް ކުނި ގެންނަ ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުނި ގެނައުމުން ޗާޖު ކުރެވޭނީ ގެންނަ ކުނީގެ ބަރުދަނަށް ބަލައި ޓަނަކަށް 2،660 ރުފިޔާގެ މަގުން ކަމަށެވެ.