ޑރ. މުހައްމަދު މުއިއްޒު

ފުނަދޫ އެއާޕޯޓްގެ ރަންވޭ ބޮޑުކުރަން ނިންމައިފި

ށ. ފުނަދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކޮށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު މިއަދު ވިދާޅުވީ ރަށުގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކުރަން އެބަހުރި ކަމަށާއި ކެމްޕޭންގައި ވެވަޑައިގެންނެވި ވައުދުތައް ހަގީގަތަކަށް ހަދައިދޭނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ފުނަދޫ އެއާޕޯޓްގެ ޖާގަ އިތުރުކޮށް، ހިދުމަތް ރަނގަޅުކޮށް ފްލައިޓްތައް އިތުރުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ރަންވޭ ދިގުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް އިރާދަކުރެއްވިއްޔާ މި އެއާޕޯޓް ބޮޑުކޮށްދީ ތަރައްގީކޮށްދޭނެ ވާހަކަ ދަންނަވަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ށ. އަތޮޅުގައި ޓޫރިޒަމް ފުޅާކުރަން ގިނަ ވައުދުތަކެއް ވެވަޑައިގެންނެވިކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ޓޫރިޒަމް މަޝްރޫއުތަކާއި އެއާޕޯޓް ތަރައްގީގެ މަޝްރޫއާއެކު އާންމުންގެ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ފުނަދޫގެ ބަނދަރު މަޝްރޫއާއެކު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ބިން ހިއްކުމުގެ މަޝްރޫއާއެކު ބޯހިޔާވަހިކަމަށް ޖާގަ ލިބިގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެއާޕޯޓް ބޮޑުކޮށް، ބިން އިތުރުކޮށް ބަނދަރު ރަނގަޅު ފެންވަރަކަށް ހަދައި މަގުތައް ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހެދުން މިހިރީ އެކުއެކީގައި އިރާދަކުރެއްވިއްޔާ ގެންދަންޖެހޭ ކަންތައްތައް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.