އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެންބަރުންނަށް ދޭ އެލަވަންސް މުސާރައަކަށް ބަދަލުކޮށް ދައުލަތުގެ މުވައްޒަފަކަށް ލިބެންޖެހޭ ހައްގުތައް ލިބިދިނުމަށް ތާއީދުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ށ. ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު މިއަދު ވިދާޅުވީ ޑަބްލިއުޑީސީއަށް ދިމާވެފައި އޮތް މައްސަލައަކީ ސަރުކާރުން ވަރަށް އިސްކަންދޭން ބޭނުންވާ ކަމެއް ކަމަށެވެ.
އެ ގޮތުން ޑަބްލިއުޑީސީގެ މެންބަރުންނަށް މިހާރު ދޭ އެލަވަންސް މުސާރައަކަށް ބަދަލުކުރަން ތާއީދުކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އެއީ ދޭ އެލަވަންސް މުސާރައަކަށް ބަދަލުކޮށް ޗުއްޓީ އާއި މުވައްޒަފުންނަށް ވީމަ ލިބެންޖެހޭ ހުރިހާ އިނާޔަތްތައް ލިބޭ ގޮތް ހެދުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ރޯދަމަހުގެ އެލަވަންސް ދީ މުސާރަ ވަކި ބަޖެޓަކުން ދޭ އެއްޗަކަށް ބަދަލުކުރުމަށް ރައީސް މުއިއްޒު ވަނީ ތާއީދު ކުރައްވާފަ އެވެ.
"ގާނޫނުން ގެނެވޭނެ ބަދަލެއް ރޯދަމަހުގެ އެލަވަންސް ލިބުމާއި އަދި އެ ލިބޭ ފައިސާ އެ ލިބޭ ފަސް ޕަސަންޓަކީ ތަރައްގީއަށްޓަކައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ތަރައްގީގެ މަސައްކަތްތަކަށް ނޫނީ ހަރަކާތްތައް ހިންގަން ހާއްސަކުރެވޭ އެއްޗަކަށް ހަދައިދީ މުސާރަ އެއީ އޭގެން ދޭ އެއްޗަަކަށް ނަހަދައި މުސާރައަކީ ވަކިން ކަނޑައަޅާ އެއްޗަކަށް ހަދައި މުސާރައަކީ ވަކިން ބަޖެޓަކުން ދޭ އެއްޗަކަށް ބަދަލުކުރުމާއި މި ފަސް ޕަސަންޓް މިއީ މުސާރަ ދޭ އެއްޗެއްގެ ގޮތުގައި މިހާރު އޮންނަ އޮތުން ބަދަލުކުރުމާއި މި ހުރިހާ ކަމަކަށް އަޅުގަނޑު ތާއީދުކުރަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ގާނޫނަށް އެ ބަދަލުތައް ގެނެސް އެކަންކަން ކުރެވޭނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ލިބިގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޑަބްލިއުޑީސީތަކަށް ހަގީގީ މާނައިގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނީ ގާނޫނަށް އެ ބަދަލުތައް ގެނެވިގެން ކަމަށެވެ.