ރާއްޖޭގެ ޓޫރިޒަމް އޮކިއުޕެންސީ ރޭޓް މިދިޔަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހު އޮކިއުޕެންސީ ރޭޓް ހުރީ 71.7 ޕަސަންޓްގަ އެވެ.
އޮކިއުޕެންސީ ރޭޓް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހުރީ 59.5 ޕަސަންޓްގަ އެވެ.
ރިސޯޓްތަކާއި ގެސްޓްހައުސްތައް އަދި ސަފާރީ އުޅަނދުތަކުގެ އޮކިއުޕެންސީ ރޭޓް ޖެނުއަރީ މަހު އިތުރުވި ނަމަވެސް ހޮޓާތަކުގެ އޮކިއުޕެންސީ ރޭޓް ވަނީ ޑިސެމްބަރު މަހާއި އަޅާބަލާއިރު ޖެނުއަރީ މަހު ދަށަށް ގޮސްފަ އެވެ.
ރިސޯޓްތަކުގެ އޮކިއުޕެންސީ ރޭޓް ޖެނުއަރީ މަހު ހުރީ 78.7 ޕަސަންޓްގައި ހުރިއިރު ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ ރޭޓް ހުރީ 64.1 ޕަސަންޓްގަ އެވެ. ޑިސެމްބަރު މަހު ރިސޯޓްތަކުގެ އޮކިއުޕެންސީ ހުރީ 63.8 ޕަސަންޓްގަ އެވެ. އަދި ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ ހުރީ 57.2 ޕަސަންޓްގަ އެވެ.
ސަފާރީ އުޅަނދުތަކުގެ އޮކިއުޕެންސީ މިދިޔަ ޑިސެމްބަރު މަހު ހުރީ 19.3 ޕަސަންޓްގަ އެވެ. މި އަދަދު ޖެނުއަރީ މަހު ހުރީ 27.5 ޕަސަންޓްގަ އެވެ.
ހޮޓާތަކުގެ އޮކިއުޕެންސީ ޑިސެމްބަރު މަހު 39.5 ޕަސަންޓްގައި ހުރިއިރު އެ އަދަދު ޖެނުއަރީ މަހު ހުރީ 33.8 ޕަސަންޓްގަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް 192،385 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. ޖެނުއަރީގެ ނިޔަލަށް ރާއްޖޭގައި 175 ރިސޯޓާއި 812 ގެސްޓްހައުސް އާއި 140 ސަފާރީ އުޅަނދު އަދި 15 ހޮޓާ ފަތުރުވެރިކަމަށް ދިޔައީ ބޭނުންކުރަމުންނެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް 61،518 އެނދު ހުއްޓެވެ.