މަސްވެރިކަން

މަސް އެކްސްޕޯޓްކުރި މިންވަރު ދަށަށް

ރާއްޖެއިން މިއަހަރުގެ ޖެނުއަރީ މަހު މަސް އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 47 ޕަސަންޓް ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން ބޭރުކޮށްފައިވަނީ 4،512 މެޓްރިކް ޓަނުގެ މަހެވެ.

ރާއްޖެއިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު 8،574 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ.

ރާއްޖެއިން މިދިޔަ ޖެނުއަރީ މަހު އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ކަޅުބިލަ މަހެވެ.

އެގޮތުން ތާޒާ އަދި ގަނޑުކުރި ކަޅުބިލަ މަހުގެ ގޮތުގައި 2،213 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ. މީގެ އިތުރުން 1،472 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި ބޭރުކޮށްފައިވެ އެވެ.

މީގެ އިތުރުން މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 664.6 މެޓްރިކް ޓަނުގެ މަސް ޖެނުއަރީ މަހު ރާޢްޖެއިން ބޭރުކޮށްފައިވެ އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހު ބައިނަލްއަގުވާމީ ބާޒާރުގައި ކަޅުބިލަ މަސް ކިލޯއެއް ހުރީ 22.4 ރުފިޔާ އަށެވެ.