ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ރ. އަދި ބ. އަތޮޅަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަދި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި މި ދެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން ވަގުތު ލިބިވަޑައިގަތް މިންވަރަކުން ދެ އަތޮޅުގެ ވީހައި ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި މި ދެ އަތޮޅުގެ އަތޮޅު ކައުންސިލާވެސް ބައްދަލުކުރައްވާނެ އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިގެން މިހާރު ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލު ބައްލަވައި ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކުރާނޭގޮތާއިމެދު މަޝްވަރާކުރައްވާނެ އެވެ. އަދި ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވާނެ އެވެ.

ރައީސް މުއިއްޒު ވަނީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުމަކީ އަމާޒެއް ކަމަށް ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒު މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ. އަތޮޅުގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވާފަ އެވެ. އަދި ދެ ކައުންސިލެއް ފިޔަވާ ގއ. އަތޮޅުގެ ހުރިހާ ކައުންސިލަކާވެސް ބައްދަލުކުރައްވާފައިވެ އެވެ.

މީގެ އިތުރުން ހއ. ހދ، ށ އަތޮޅުގެ ހުރިހާ ކައުންސިލުތަކާއި އަދި ނ އަތޮޅުގެ ވެސް އެންމެ ކައުންސިލެއް ފިޔަވާ އެހެން ހުރިހާ ރަށެއްގެ ކައުންސިލުތަކާ އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރައްވާ މި އަތޮޅުތަކާ ރަށްރަށާ ސިޓީތަކުގެ ތަރައްގީގެ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.