ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުންނަށް ރޯދަ މަހާއި ގުޅުވައި ހަދިޔާ ދިނުމުގައި ކުންފުނީގެ ކޭޝްފުލޯއަށް ނުރަނގަޅު އަސަރު ނުކުރާ މިންވަރަށް އެކަންތައް ކުރުމަށް ސަމާލުވުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.
ރޯދަ މަހުގެ އިނާޔަތުގެ ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ގޮތާއި ގުޅޭ ގޮތުން ޕީސީބީން އިއްޔެ ވަނީ ސާކިއުލާއެއް ނެރެފަ އެވެ.
ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތުގެ ފައިސާ ދިނުމުގައި މި އަހަރުގެ ރޯދަ މަހުން ފެށިގެން މި ސާކިއުލާއަށް އަމަލުކުރުމަށް އަންގާފައިވެ އެވެ.
އެ ގޮތުން ރޯދަ މަހުގެ އިނާޔަތުގެ އިތުރުން ރޯދަ މަހާއި ގުޅުވައި އިތުރު ހަދިޔާތައް މުވައްޒަފުންނަށް ދޭނަމަ އަދި ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށްވާނަމަ ކޭޝްފުލޯއަށް ނުރަނގަޅު އަސަރު ނުކުރާ މިންވަރަށް އެކަންތައް ކުރުމަށް ސަމާލުކަން ދިނުމަށް އަންގާފަ އެވެ.
ސާކިއުލާގައި ވަނީ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދިނުމަށް އަންގާފަ އެވެ.
ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި އެއަށްވުރެ އިތުރަށް ނުވަތަ މަދުން އިނާޔަތުގެ ފައިސާ ދީފައިވާނަމަ މާޗް މަހުގެ މުސާރަ ދޭއިރު އެބައި އެޖެސްޓްކުރަންވެސް ވަނީ އަންގާފަ އެވެ.
މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އަދާކުރަމުންދާ ތަނަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި އަދި އިތުރަށް ވަޒީފާ އަދާކުރާ ތަނަކުން އިނާޔަތުގެ ފައިސާ ނުދިނުމަށް އަންގާފައިވެ އެވެ.
މީގެ އިތުރުން ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް "ޕޭ ލީވް" އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުމަށްވެސް ވަނީ އަންގާފަ އެވެ.
މި ގޮތުން މިފަދަ ލީވްއެއްގައި ހުންނަ މުވައްޒަފަކު ރޯދަ މަސް ތެރޭގައި އެނބުރި ހިދުމަތަކަށް ނުކުމެއްޖެނަމަ އެ ދުވަހަކުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އެ އަދަދަކަށް އިނާޔަތުގެ ފައިސާ ދިނުމަށް ސާކިއުލާގައިވެ އެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަސް ފިޔަވައި ދެވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ ތެރޭގައި އަލަށް ވަޒީފާދޭ މުވައްޒަފުންނަށް އެ މުވައްޒަފަކު ވަޒީފާ އަދާކުުރަން ފަށާ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ ވަރެއް ބަލައި އެ އަދަދަކަށް އިނާޔަތު ފައިސާ ދިނުމަށްވެސް ވަނީ އަންގާފަ އެވެ.