ރައީސް އަބްދުﷲ ޔާމީން

"ގާނޫނުގެ ބޭރުން ހައްޔަރުކުރި މީހުންގެ ލިސްޓް މަޝްވަރާއަށް ގެންނަންވާނެ"

ހުރިހާ ޕާޓީތަކާއެކު ބާއްވާ މަޝްވަރާތަކުގައި ސަރުކާރުން އިސްވެ އެއްވެސް ކަމެއް ހުށަނާޅުއްވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ކަންކަން ހުށަހަޅަން ޖެހޭނީ ޕާޓީތަކުން ކަމަށެވެ.

ހއ. ވަށަފަރު ބަނދަރު ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މަޝްވަރާތަކުގައި ޕާޓީތަކުން ކަންކަމަށް އެއްބަސްވާން ޖެހޭނެ ކަމަށާއި އެގޮތުން ތަރައްގީއަށް ހިންގާ ކަންކަމުގައި އެއްބާރުލުން ދިނުމަށް އެއްބަސްވާން ޖެހޭނެ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓަށް އިސްލާހުތައް ގެނެސްގެން ނަމަވެސް ވޯޓް ދޭން ޖެހޭނެ ކަމަށާއި ބަޖެޓަށް ވޯޓު ނެދޭނެމަ އެ މެންބަރެއްގެ ހިއްސާ އާއި ހިޔާލެއް ތަރައްގީގަިއ ނެތީ ކަމަށެވެ.

"ރާއްޖެއަށް އޮތް މުސީބާތްތަކަށް އެޑްރެސްކުރަން ހުރިހާ ޕާޓީތަކަށް ވެސް ކެރެންވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މާދަމާ މަޝްވަރާތަކަށް އެމަނިކުފާނުގެ ފޮތް ހުޅުވާލައްވާނީ އެއްވެސް އެއްޗެއް ނުލިޔުއްވާ ކަމަށާއި މަޝްވަރާގައި ބިނާކުރުވަނިވި ކަންތައްތައް ހުށަހަޅަންވާނީ ޕާޓީތަކުން ކަމަށެވެ.

"އެ ފަރާތްތަކުން ވާނެ ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް ހައްލުތަކެއް ގެންނަން."

ރައީސް ވިދާޅުވީ މި ސަރުކާރުން އެއްވެސް މީހަކު ގާނޫނާ ހިލާފަށް ޝަރީއަތުން ބޭރުން ހައްޔަރުކޮށްފައި ނުވާ ކަމަށާއި ހައްޔަރުކޮށްފައިވާނަމަ އެމީހުންގެ އަދަދު މަޝްވަރާތަކުގައި ބުނެދޭން ޖެހޭނެ ކަމަށެވެ.

"ރައްޔިތުންނަށް އެނގޭ ގޮތަށް އެމީހުންގެ ލިސްޓެއް ދެއްވާ، އަޅުގަނޑުމެން އެ ލިސްޓު ބަލަން ޖެހޭނީ ބޭރު މީހަކު ނެރޭ ފޮތަކުންނެއް ނޫން،"

ރައީސް ވިދާޅުވީ، މީހަކު ދޫކޮށްލަން ގޮވާލާނަމަ އެކަމުގެ ސަބަބުތައް ދައްކަން ޖެހޭނެ ކަަމަށާއި އަދި އެފަދަ ކަންކަމަށް ރައީސްއަށް ގޮވާލައި ޝަރުއީ ދާއިރާއަށް ރައީސް ނުފޫޒު ފޯރުވާން ފުރުސަތު ދީގެން ނުވާނެ ކަމަށާއި ޝަރީއަތުން މީހެއްގެ މައްޗަށް ކުރާ ހުކުމަކާމެދު ގޮތެއް ނިންމަންވާނީ ވެސް ޝަރުއީ ދާއިރާއިން، އަދި މަތީ މަރުހަލާގެ ކޯޓުގައި އިސްތިއުނާފުވެސް ކޮށްގެން ކަމަށެވެ.

"ޝަރުއީ މަރުހަލާގައި ކުރިއަށްދާ މައްސަލައަކާ ގުޅޭ ގޮތުން އަޅުގަނޑަކަށް ގޮތެއް ނުނިންމޭނެ، ސިޔާސީ ޕާޓީއަކުން އަޅުގަނޑާ އެންމެ ނުރުހުނު ކަމަކީ ވެސް އެއީ، އެކަމުގައި އަޅުގަނޑަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ،"

ރާއްޖެއަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެ ބޮޑަށް ދީފައިވާ ގައުމު ކަމަށާއި މި ގައުމު ކުރާ ޓްވީޓަކުން އެމީހަކާ މެދު ފިޔަވަޅު ނާޅާނެ ކަމަށް ވެސް ރައީސް ވިދާޅުވުވި އެވެ.

"ރާއްޖޭގެ ރައީސާއި އަދި ދައުލަތުގެ އިސްފަރާތްތަކުގެ އަބުރަށް އަރައިނުގަންނަ ހިސާބެއް ނެތް، އެކަމަކު އަޅުގަނޑަށް އެއީ މައްސަލައެއް ނޫން، އަޅުގަނޑުގެ ޕެޝަންއަކީ އެހެން ކަމެއް،"

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ޕެޝަނަކީ ސިޔާސީ ވެގެން ވާހަކަ ދެއްކެވުން ނޫން ކަމަށާއި އެމަނިކުފާނުގެ ޕެޝަނަކީ އިގުތިސޯދު ހަރުދަނާކޮށް ޒުވާނުން ބާރުވެރިކޮށް ތަރައްގީ ގެނައުން ކަމަށެވެ.

"ލޯން އިންޓްރެސްޓް އަގުތައް އެ ހުރީ ދުވަހަކު ވެސް ހެޔޮ ނުވާ ވަރަށް ހެޔޮވެފައި، ކަރަންޓު އެހުރީ ހެޔޮވެފައި، ވަޒީފާ އަދާ ކުރާ އަންހެނުންގެ ނިސްބަތް އެހުރީ މަތިވެފައި،"