ރާއްޖޭގައި ބޭއްވޭ އާންމު އިންތިހާބުތަކާ ގުޅިގެން ކެމްޕެއިން ބެނާއާއި ކެންވަސް ފަދަ ތަކެތި ހަރުކުރުމުގެ ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހުއްދަ ހޯދުމަށް އެ ކޯޕަރޭޝަނުން އެދިއްޖެ އެވެ.
އެޗްޑީސީން ބުނީ ރާއްޖޭގައި ބޭއްވޭ އާންމު އިންތިހާބުތަކާ ގުޅިގެން ކެމްޕެއިން ބެނާއާއި ކެންވަސް ފަދަ މެޓީރިއަލް ހަރުކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަކަމާއެކު ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅިގެން ކެމްޕެއިން ކުރުމަށް ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގެ އެކި ސަރަހައްދުގައި ބެނާ އާއި ކެންވަސް ފަދަ ތަކެތި ހަރުކުރަމުންދާއިރު އެ ސަރަހައްދުތަކުގައި އާއްމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ސާވިސް ޕްރޮވައިޑަރުން އަޅާފައިވާ ނެޓްވޯކްތަކަށް ގެއްލުން ނުވާނެހެން މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.
ޕޯސްޓްތަކާއި ބެނާތައް ހަރުކުރެވޭ ސަރަހައްދުގެ ގޮތުން ކަރަންޓް ކޭބަލްއާއި ފެނާއި ނަރުދަމާ ނިޒާމަށް ގެއްލުން ލިބި ހިދުމަތް މެދުކެނޑޭފަދަ ހާލަތެއް ދިމާވެއްޖެނަމަ ރައްޔިތުންނަށް އެކަމުގެ ސަބަބުން ގިނަ އުނދަގޫތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.
ކުރިއަށް އޮތް ތަނުގައި މިފަދަ ކެންވަސްތަކާއި ބެނާތައް ހަރުކުރާ ފަރާތްތައް މި ކަމަށް ސަމާލުވެ ކެމްޕެއިން މެޓީރިއަލް ހަރުކުރުމުގެ ކުރިން އެޗްޑީސީގެ ހުއްދަ ހޯދައި އެޗްޑީސީގެ ލަފައާއި އިރުޝާދާއެކު ކުރިއަށް ގެންދިއުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފަ އެވެ.
މީގެ އިތުރުން އެޗްޑީސީން ވަނީ ކެމްޕެއިން މެޓީރިއަލް ހަރުކުރުމަށް ހުއްދަ ދިނުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގެ ޗާޓެއްވެސް އާންމުކޮށްފަ އެވެ.