ރީއްޗަށް ފުނާ އަޅައި ނަލަ ހެދިގެން ތަނަކަށް ގޮސް ހުންނަ އިރުވެސް ނުހުރެވިގެން ބޯ ކަހާލެވޭ މަންޒަރަކީ ގިނައި ފެންނަ މަންޒަރެކެވެ. ހާއްސަކޮށް މިއީ އަންހެންކުދިންގެ ތެރޭގައި އޮންނަ ބޮޑު ކަންބޮޑުވުމެކެވެ. މާގަދަޔަށް ބޯ ކެހުމަކީ ވަރަށް ލަދުވެސް ގަންނަ ކަމެކެވެ. އެކަމަކު ކެތްކޮށްލެވޭ ވަރަށް ވުރެ ބޮޑަށް ހިރުވަންޏާ ބޮލާ ހަމަޔަށް ބޭއިހްތިޔާރުގައި ވެސް އަތް ދާނެ ނޫން ހެއްޔެވެ.
ބޯ ގަދަޔަށް ކަހަނީ މައިގަނޑު ތިން ކަމެއް ދިމާވުމުންނެވެ. ބައެއް މީހުންނަށް އެ މައްސަލަ ދިމާވަނީ ސޯރިއޭސިސް ކިޔާ ހަމުގެ ބައްޔެއް ޖެހުމުންނެވެ. ސޯރިއޭސިސް ޖެހުމުން ބޮލުގެ ހަންގަނޑު ފާރުވެ، އެކި ހިސާބުތަކުގައި ކުދި ކުދި ފާރު ހެދެއެވެ. އަދި އެ ފާރުތަކުގައި ބެކްޓީރިއާ ވަރަށް އަވަހަށް އަށަގަންނަ ގޮތްވެ އެވެ. ސޯރިއޭސިސް ޖެހުމުން ބޯ އެހާ ގަދަޔަށް ކަހަނީ އެހެންވެގެންނެވެ.
އެކްޒީމާ އަކީ ވެސް ބޮލުގެ ހަންގަނޑު ކެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބު ކަމަށް ސައިންސްވެރިން ދެކެއެވެ. އެކްޒީމާ ޖެހުމުން ބޮލާއި ގައިގެ ހަންގަނޑު އާންމުކޮށް ހުންނަ ވަރަށްވުރެ ރަތްވެ އެވެ. މާގަދަޔަށް ހުންއައިސް ހުން ދިގުލައިގެން ދިއުމަކީ އެކްޒީމާއަށް މަގުފަހި ވެދާނެ ކަމެކެވެ. ހާއްސަކޮށް ކުޑަކުދިންނަށް އެކްޒީމާ ޖެހޭލެއް އަވަހެވެ. ނަމަވެސް އެއީ ވަކި އުމުރަކަށް އޮންނަ ކަމެއް ނޫނެވެ.
ބޮލުގެ ހަންގަނޑުގެ ތެތްކަން ދަމަހައްޓަން އިސްކަން ނުދެވުމަކީ ހަންގަނޑު ކުރަކިވެ ހިކޭ ސަބަބެކެވެ. އޭގެ ސަބަބުން ބޮލުން ހަން ފޮޅި، ފާރުވެ ހަންގަނޑު އަބަދު ހިރުވާ ގޮތްވެ އެވެ. ބައެއް ފަހަރު އުމުރުން ދުވަސްވާ ވަރަކަށް ވެސް ބޮލުގެ ހަންގަނޑުގެ ތެތްކަން ކުޑަވެ އެވެ. ބޮލުގެ ހަންގަނޑު ހިކުމަކީ ބައެއް ފަހަރަށް ވަރަށް ގިނަ ސައިޑް އެފެކްޓް ވެސް ކުރުމަތި ކުރުވާ ކަމެކެވެ. މީގެ ތެރެއިން އެންމެ ބޮޑު މައްސަލަޔަކީ އިސްތަށި ފޭބުމެވެ. ހަމަ އެހެންމެ ހޯމޯނަށް އަންނަ ބަދަލަކީވެސް ބޮލުގެ ހަންގަނޑު ހިރުވާ ސަބަބެއް ކަމަށް ސައިންސްވެރިން އިއްތިފާގުވެ އެވެ.
މީގެ އިތުރުންވެސް، ދުންފަތުގެ އިސްތިއުމާލުކުރުމުން ވެސް ބޮލުގެ ހަންގަނޑު ހަލާކުވެއެވެ. މިފަދަ ކަންކަމަކީ މުޖުތަމައާއި ދިރިއުޅުމުގެ ވައްޓަފާޅިއާވެސް ގުޅިފައިވާ ކަމަކަށް ވާތީ، ބޮލުގެ ހަންގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް ރަނގަޅު ކާނާ ބޭނުންކުރުމަކީ މުހިއްމު ކަމެއް ކަމަށް ސައިންސްވެރިންނާއި ޑޮކްޓްރީ އިލްމުވެރިން ލަފާދެ އެވެ.
ބޮލުގެ ހަންގަނޑުގެ ހިރުވުން ރަނގަޅުކުރަން މުޖައްރިބު ފަންޑިތައެއް ނުވަތަ ބޭހެއް ނުހުރެ އެވެ. ނަމަވެސް ގުދުރަތީ ތެޔޮ ބޭނުންކުރުމާއި، ވިނެގާ އަދި ހީނާފަތް ކަހަލަ ބައެއް އެއްޗިހި ބޮލުގައި ލުމަކީ ބޮލުގެ ހަންގަނޑުގެ ހިރުވުން ރަނގަޅުކުރުމަށް ހުންނަ ގުދުރަތީ ފަރުވާތަކެކެވެ. އަދި ބައެއް ބާވަތުގެ ޑޮކްޓަރީ ބޭސްވެސް އެކަމަށް ބޭނުންކޮށް އުޅެ އެވެ.