އިލެކްޝަންސް ކޮމިޝަން

އީސީގެ އާ ވެބްސައިޓް އިފްތިތާހުކޮށްފި

ގިނަ ބަދަލުތަކަކާއެކު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އާ ވެބްސައިޓް އިފްތިތާހުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އާ ވެބްސައިޓާ ގުޅޭ ގޮތުން އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ވެބްސައިޓް ފަރުމާކޮށްފައިވަނީ ބޭނުންކުރަން ފަސޭހަވާނެ ގޮތަށް ކަމަށެވެ.

ވެބްސައިޓުން އެންމެފަހުގެ އަޕްޑޭޓް މައުލޫމާތު ލިބޭނެ ކަމަށްވެސް ފުއާދު ވިދާޅުވި އެވެ.

އީސީގެ އާ ވެބްސައިޓް ފަރުމާކޮށްފައިވަނީ މައުލޫމާތުތައް ފަސޭހައިން ހޯދޭ ގޮތަށެވެ.

އެގޮތުން 2008 ވަނަ އަހަރުގެ ފަހުން ބޭއްވި ހުރިހާ ރިޔާސީ އިންތިހާބަކާއި މަޖިލިސް އިންތިހާބުތަކުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކުގެ ނަތީޖާ ވެބްސައިޓުން ބަލައިލެވެ އެވެ.

މީގެ އިތުރުން އިންތިހާބުތަކުގައި މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވި މީހުންގެ އަދަދާއި އިންތިހާބުތަކާއި ގުޅިގެން ހުށަހެޅުނު ޝަކުވާތަކުގެ ތަފާސްހިސާބު ވެބްސައިޓުން ފެނެ އެވެ.