ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސިޔާސީ މަގާމުތައް 1،500 އަށްވުރެ އިތުރު: ސޯލިހު

މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 1،500 އަށްވުރެ އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ އިފްހާމް ހުސައިންގެ ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ސިޔާސީ މަގާމުތައް އިތުރުވެ ގޮނޑި މޭޒު ނެތް ކަމަށެވެ.

"އެނގޭ ކަމަކީ ސިޔާސީ މަގާމުތަކަށް މީހުން އެބަ ލާކަން ފުނިފުންޏަށް. ބައެއް މިނިސްޓްރީތަކުގައި އިށީންނާނެ ތަނެއް ނެތް. ކޮރިޑޯތަކުގައި ކިޔު ޖެހިފަ ތިބޭ ކަމަށް އެބަވޭ. ޑިއުޓީ ބަހައިގެން، ޑިއުޓީ ބަހައިގެން މޭޒު ހަވާލުކުރަމުން އެބަދޭ ގޮނޑި ނެތިގެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން އުފައްދާފައިވާ ސިޔާސީ މަގާމުތަކުގެ އަދަދު އެނގޭނީ ސަރުކާރުން އެ އަދަދުތައް ހާމަކުރުމުން ކަމަށާއި 1،500 އަށްވުރެ ގިނަ ސިޔާސީ މަގާމު އުފައްދާފައިވާ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

"އެހެން ނަމަކަ މަހެއްގެ މައްޗަކަށް 100، 150 މިލިއަން ރުފިޔާ ބަޖެޓަކުން ރިކަރަންޓް ހަރަދަކަށް މުސާރައަކަށް ހަރަދުކުރާކަށް ނުޖެހޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއަދު ހުއްޓާލާފައިވާ މަޝްރޫއުތައް އަލުން ފަށަން ދެގުނަ އިތުރަށް ހަރަދު ކުރަންޖެހޭނެ ކަމަށެވެ.