ހަބަރު

އައްޑޫ މޭޔަރުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް މައްސަލަ ޕީޖީއަށް

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު މަގާމުގެ ނުފޫޒުގެ ބޭނުން ކުރައްވައި ވަކި ފަރާތަކަށް ފައިދާ ވާގޮތަށް އައްޑޫ ކޮންވެންޝަން ސެންޓަރުގެ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ސޯދިގުގެ މައްޗަށް ދައުވާކުރަން ނިންމާފައި ވަނީ، 2012 ވަނަ އަހަރު އައްޑޫގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް ބިނާކުރި ކޮންވެންޝަން ސެންޓަރުގައި ބަހައްޓަން ހެދި 3.7 މިލިއަން ރުފިޔާގެ ކުރެހުންތައް ހަދާފައިވަނީ ވަކި ފަރާތަކަށް މާލީ ފައިދާ ލިބޭ ގޮތަށް ކަމަށް އޭސީސީން ހިންގި ތަހުގީގަށް ސާބިތުވެގެން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އޭސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮންވެންޝަން ސެންޓަރުގެ ޑިޒައިން މަސައްކަތްތަކާއި އާޓް ވޯކްގެ ހުރިހާ މަސައްކަތެއް މަހަކު 15،000ރ. ދޭ ގޮތަށް 2011 ވަނަ އަހަރު ކައުންސިލުން ކުންފުންޏަކާ ހަވާލުކުރަން އެންގި ނަމަވެސް އިއުލާނު ކުރުމަކާ ނުލާ އެ މަސައްކަތް ކުރަން އެ ކައުންސިލުން އަމިއްލަ ކުންފުންޏަކަށް 369،000ރ. ދޫކޮށްފައިވާ ކަމަށެވެ.

އިއުލާން ކުރުމަކާ ނުލައި އެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކުރި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޭޔަރުގެ ހައިސިއްޔަތުން ސޯދިގު ކަމަށް އޭސީސީގެ ބަޔާނުގައި ބުންޏެވެ. އަދި އެ މަސައްކަތުގެ އަގު 25،000ރ. އަށް ވުރެ ބޮޑުވާ ކަން އެނގޭ އިރު ވެސް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައި ނުވާކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ބިޑް ކުރުމަކާ ނުލައި އަމިއްލަ ކުންފުންޏަކާއި އެ މަސައްކަތް ހަވާލުކުރުމަށްފަހު މަސައްކަތް ނިންމަންޖެހޭ ތާރީހާއި، އަގާއި އެހެންވެސް މުހިއްމު މައުލޫމާތުތައް ރިކޯޑު ކޮށްފައި ނުވާތީ އެއީ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އަދަދަށް ވުރެ އިތުރަށް މަސައްކަތްކޮށް އެ ފައިސާ ހޯދަން ކައުންސިލަށް ކުންފުނިން ބިލް ފޮނުވުމުން ދެ ފަހަރެއްގެ މަތިން އެ ފައިސާ ދޫކޮށްފައިވާ ކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ، އަގުގެ 20 ޕަސެންޓް ފައިސާ ދޫކޮށްފައިވަނީ މަސައްކަތް ނިމުނުކަން ޔަގީންކަން ކުރަން އެއްވެސް އިންސްޕެކްޝަނެއް ހެދުމެއް ނެތި ކަމަށެވެ. އަދި އެ ކުންފުނިން އެ މަސައްކަތް ސާކް ސަމިޓް ބާއްވަން ކަނޑައެޅި ތާރީހަށް ނިމުނު ކަމުގެ ހެއްކެއް ވެސް ފެންނަން ނެތް ކަމަށް އޭސީސީން ބުންޏެވެ.

"މަސައްކަތުގެ އަގުގެ ބާކީ 80 ޕަސެންޓް ކަމަށްވާ 268،000ރ. ދޫކޮށްފައިވަނީ އިންސްޕެކްޝަނެއް ހެދުމަށް ފަހު ކަމަށްވިޔަސް އެ އިންސްޕެކްޝަން ހަދާފައިވަނީ ސާކް ސަމިޓް ނިމުނުތާ ތިން މަސް ފަހުން ފެބްރުއަރީ، 2012 ގައި ކަމަށް މި މައްސަލާގައި ބަޔާން ދިން ފަރާތްތަކުގެ ބަޔާނުން އެނގިފައިވާތީ އާއި، އެ އިންސްޕެކްޝަނަކީ ސާކް ސަމިޓް ބޭއްވިތާ ތިން މަސް ފަހުން ހަދާފައިވާ އިންސްޕެކްޝަން އެއް ކަމަށް ވާތީ، އެ މަސައްކަތް ސާކް ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހަށް ނިމުނުކަމެއް ޔަގީން ނުވޭ،" އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކައުންސިލުން ރިފިލް އާޓް ވޯކް މަސައްކަތް ހަވާލުކުރި ކުންފުނިން ހެދި 168 ކުރެހުން އެއްވެސް ގޮތަކަށް ބޭނުން ނުކޮށް، އެ ސެންޓަރުގެ އެތެރޭގައި ހުރި ކޮޓަރިއެއްގައި ބަހައްޓާފައި ހުރިކަން ވެސް އެރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެހެންވެ އެ މަސައްކަތް އިއުލާނުކުރުމެއްނެތި އަމިއްލަ ކުންފުންޏަކާ ސޯދިގު ހަވާލުކުރީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް ކަމަށް ތުހުމަތުކޮށް، އޭނާގެ މައްޗަށް ދައުވާ އުފުލުމަށާއި، އޭނާގެ އެ އަމަލުން ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ޕީޖީ އޮފީހަށް ފޮނުވި މައްސަލާގައި އެދިފައިވާނެ ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.