ދައުލަތުން މި އަހަރު ބަދަލުގެ ގޮތުގައި ދޫކުރި ފައިސާއަކީ މިދިޔަ ސަރުކާރުގައި ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭ ފައިސާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މާޗް 21 ވަނަ ދުވަހުގެ ނިޔަލަށް ބަދަލުގެ ގޮތުގައި 82 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ބަދަލު ދެމުން އަންނަނީ ކުރީގެ ސަރުކާރުގައި ބައެއް ޕޭމެންޓްތައް ދޫކޮށްފައިވާ ފަރާތްތަކަށެވެ.
މި ސަރުކާރުގައި ބަދަލުގެ ގޮތުގައި އާ ބަޔަކަށް ފައިސާ ދޫކޮށްފައިނުވާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ބަދަލުގެ ގޮތުގައި ފައިސާ ދޫކުރުމާއި ގުޅޭ ގޮތުން އެޓާނީ ޖެނެރަލްގެ ލަފާ ހޯދާފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ބަދަލުގެ ގޮތުގައި ފައިސާ ދޫކުރަމުންދަނީ އެ ފައިސާ ދޫކުރުން ލަސްކޮށްފިނަމަ ބޮޑު އިންޓްރެސްޓެއް އަރާނެތީ އެވެ.
މި މައްސަލައިގައި ދޭންޖެހޭ ހުރިހާ ފައިސާއެއް މާޗް މަހުގެ ނިޔަލަށް ދެވިފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ދައުލަތުގެ ބަޖެޓުގައި މިއަހަރު ބަދަލުގެ ގޮތުގައި ދޭން ކަނޑައަޅާފައިވަނީ 101 މިލިއަން ރުފިޔާ އެވެ.
ބަދަލުގެ ގޮތުގައި ދޭން މިދިޔަ އަހަރުވެސް ބަޖެޓުގައި 101 މިލިއަން ރުފިޔާ ކަނޑައެޅި އެވެ. ނަމަވެސް އަހަރު ނިމުނުއިރު ބަދަލުގެ ގޮތުގައި 557 މިލިއަން ރުފިޔާ ދީފައިވާކަން ފިނޭންސްގެ ތަފާސްހިސާބުތައް ދައްކަ އެވެ.
ބަދަލުގެ ގޮތުގައި ފައިސާ ދިނީ ކޮން ބަޔަކަށް ކަމެއް ފިނޭންސް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.