ރިޕޯޓް

ދުޝްމަނެއް ނެތް، މަރާލީ ފާރަލައިގެން!؟

  • މަރާލީ އޮޅު ތެރެއަށް ގަންބައި ނޭވާ ހާސްކޮށްގެން
  • އޭނާގެ ފިހާރަ ވެސް ވަނީ ފަޅާލާފައި
  • މަރުވެފައި އޮއްވާ ފެނުނީ އާއިލާ އިން ހޯދަމުން ދަނިކޮށް

"ފިހާރައިގައި އުޅެފައި ރޭ ދަންވަރު 3:00 ޖަހާ އެހާކަން ހާއިރު އައްޔަ ގެއަށް ސައިކަލުގައި ދަނިކޮށް މަގުމަތިން ފެނިގެން، ތިދަނީ ކޮންތާކަށް ހޭ އެހުމުން، ގެއަށޭ ބުނެ ހީލާފައި ދަނިކޮށް ފެނުނު ކަމަށް އަހަރެންގެ ރައްޓެއްސަކު ބުނި،" އައްޑޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ރޭ ފެނުނު އަލީ އަބްދުﷲ (އައްޔަ) ގެ މަރާބެހޭ ގޮތުން އޭނާގެ ރަހުމަތްތެރިއެއްގައި ކައިރީގައި އަހާލުވމުން ފުރަތަމަ ވެސް ބަންޑުން ކޮށްލީ ހިތްދަތިކަމުން ފުރިފައިވާ ޝަކުވާ ތަކެކެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް "އަވަސް" އަށް ވާހަކަ ދެއްކި އައްޔަގެ ރަހުމަތްތެރިއަކު ބުނި ގޮތުގައި އައްޔައަކީ ވަރަށް ހިތްހެޔޮ މީހެކެވެ.

އޭނާ ބުނީ އައްޔައަކީ އަކީ ވަރަށް ހީވާގިކޮށް މަސައްކަތް ކުރާ، މީހުންނާ ގުޅޭ މީހެއް ކަމަށެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އޭނާގެ އަމިއްލަ ގެއާއި ދުރު، ދައްތައެއްގެ ގޭގެ ގޯއްޗެއްގައި ހިންގާ "ޓޫވޭވް" ނަމަކަށް ކިޔާ ފިހާރަ ބަލަހައްޓައި ހިންގުމެވެ. އައްޔަ އަކީ އާދަވެގެން ގިނަ ވަގުތު ފިހާރައިގައި ހޭދަކުރާ މީހެކެވެ. ފިހާރައިގެ ސެކިއުރިޓީ ބަލަހައްޓަން ގިނަ ރޭރޭ ފިހާރަ ތެރޭގައި ނިދަން އާދަވެފައި ހުންނަނީ ވެސް ފިހާރަޔަށް ދެވިފައި އޮންނަ ލޯތްބެއްގެ ބޮޑު ކަމުން ކަމަށް ރަހުމަތްތެރިޔާ ބުންޏެވެ.

މިއަދު ހެނދުނު 7:15 އެހާކަން ހާއިރު ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު، އެރަށު ބުރުނީގޭ، 47 އަހަރުގެ އަލީ އަކީ އޭނާގެ ކުޑަ އާއިލާ އާއި އެކު ވަކިން ގެއެއްގައި ދިރިއުޅޭ މީހެކެވެ. އަލީ އާއި އޭނަގެ އަންހެނުންގެ ހުންނަނީ 18 އަހަރު ނުފުރޭ އެންމެ އަންހެން ދަރިއެކެވެ. ރަހުމް ކުޑަ ބައެއްގެ އަތުން އައްޔަ މަރުވެފައި އޮއްވާ ފެނިގެން ލިބުނު ކުއްލި ހަބަރާއި އެކު އެ އާއިލާ ވަނީ ފުން ހިތާމައެއްގެ ތެރޭގަ އެވެ.

މިއަދު ހެނދުނު އާއިލާ އިން އަލީ ހޯދަން ނުކުތީ އާންމުކޮށް ގެއަށް އަންނަ ގަޑީގައި ގެއަށް ނާންނާތީ އާއި، ހެނދުނު ގަޑީގައި ފިހާރަ ހުޅުވަން ދާ އޭނާގެ ދައްތަ ފިހާރައަށް ވަތް އިރު ފިހާރައިގެ އެއް ދޮރުފަތް ހުޅުވައި ކައުންޓަރު ވަތްގަނޑުވެސް ހުސްކޮށް ހުރުމުން އެކަން އާދަޔާ ހިލާފު ކަމެއްގެ ގޮތުގައި ފާހަގަވެގެން ކަމަށް އަވަސް އާ ވާހަކަ ދެއްކި މީހާ ބުންނެވެ.

"އައްޔަ އާންމުކޮށް ހެނދުނު ގެއަށް ދާނެ. ހެނދުނުން ފެށިގެން މެންދުރު ދެއަކާ ހަމަޔަށް ފިހާރަ ބަލަހައްޓާނީ ބޮޑު ދައްތަ. މިއަދު ވީގޮތަކީ އެ ދައްތަ ފިހާރަ ހުޅުވަން ދިޔަ އިރު އެއް ދޮރު ހުރީ ހުޅުވާފަ. ކައުންޓަރުގައި ރުފިޔާ އެއް ވެސް ނެތް. ދެން ހޯދަން ފެށީ. ހޯދަން ފެށި އިރުވެސް އަސްލު ހީކުރީ، އައްޔަ ރޭގަނޑު ދަންވަރު މީހުންނަށް އެއްޗެހި ވިއްކާތީ ފުލުހުން ގެންދިޔައީ ކަމަށް. އެގޮތަށް މީގެ ކުރިންވެސް ފުލުހުން އޭނަ ގެންގޮސް ނަސޭހަތް ދީފަ ހުރީމަ. އެކަމަކު ޕޮލިހަށް ގުޅީމަ ބުނީ ނެތޭ،" އޭނާ ކިޔައިދިނެވެ "ދެން ހޯދަމުން ދަނިކޮށް، ހިތަދޫ ސްކޫލް ފުރަގަހުގައި އޮންނަ އޮޅު ތެރޭގައި ސައިކަލެއް ވެއްޓިފައި އޮއްވާ ފެނިގެން ބެލީ. އޭރު އައްޔަގެ ކަރުގައި ހުރި އަނިޔާތަކެއް ދީފައި ހުރި ނިޝާން ތަކެއް. ފެން އޮންނަ އޮޅު ތެރޭގައި ބަންޑުން އޮތީމަ މޫނު އޮތީ ވަރަށް ބޮޑަށް ރޫޖެހިފައި،"

އޭނާ ބުނީ އައްޔަ އަކީ ޒުވާން ކުދިންނާ ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށެވެ. އެކަމަކު އެއްވެސް ބަޔަކާ ދުވަހަކު ވެސް ޒުވާބުކޮށް އަރައިރުންވި މަންޒަރު ނުފެންނަ ކަމަށާއި އެހެންކަމުން އޭނާ މަރާލަން ޖެހޭ ސަބަބެއް އޮންނާނެ ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށް ރަހުމަތްތެރިން ދެކެ އެވެ.

"އެ އާއިލާއަށް ލިބުނީ ވަރަށް ބޮޑު ސިހުމެއް. އަލީ ވަކިވެގެން ދިޔުމަކީ ހާއްސަކޮށް ދަރިފުޅަށް ވަރަށް ބޮޑު ހިތްދަތި ކަމަކަށް ވާނެ. އެހާ ވެސް ލޯބިން އުޅުނު އާއިލާއެއް އެއީ،" ރަހުމަތްތެރިޔާ ބުންޏެވެ.