ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް

އެމްޑީޕީ އާއި އަދާލަތު ނޫން ޕާޓީތަކުން މަޝްވަރާކޮށްފި

  • މަޝްވަރާތަކުގައި ބައިވެރީ ހަތަރު ޕާޓީއަކުން
  • އެމްޑީޕީ އަދި އަދާލާތަށް އަލުން ދައުވަތުން ދޭން ނިންމި
  • ދެން މަޝްވަރާތައް އޮންނާނީ މާދަމާ ހަވީރު

ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސްނެންގުވުމަކަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ފަށައިފި އެވެ. މި މަޝްވަރާތައް މިރޭ ރައީސް އޮފީހުގައި ފަށާފައިވާއިރު މަޝްވަރާތަކުގައި ބައިވެރިވެފައިވަނީ، ހަތަރު ޕާޓީއެކެވެ.

ހަ ޕާޓީއަކަށް ރައީސް ދައުވަތު ފޮނުވިއިރު އެމްޑީޕީ އަދި އަދާލަތު ޕާޓީން ބައިވެރިވެފައެއް ނުވެ އެވެ. މިއަދު ހަވީރު މި ދެ ޕާޓީން މަޝްވަރާތަކުގައި ބައިވެރިނުވާން ނިންމުމާ ގުޅިގެން އެ ދެ ޕާޓީއަށް އަލުން ދައުވަތު ފޮނުވާފައިވެސްވެ އެވެ.

މިރޭ ބޭއްވި މަޝްވަރާތަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ ފަރާތުން އިސްކޮށް ހުންނެވި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވީ، މަޝްވަރާތަކުގައި ބައިވެރި ހަތަރު ޕާޓީން ވެސް ގަބޫލުކުރާ ގޮތުގައި ސަރުކާރާއެކު މަޝްވަރާ ކުރެވޭނެ ފަހި މާހައުލެއް ވަނީ ގާއިމުވެފައި ކަމަށެވެ. އަދި މަޝްވަރާތައް ކުރިއަށް ގެންދެވޭނީ އިދިކޮޅު ދެ ޕާޓީން ވެސް ބައިވެރިވެގެން ކަމަށް އެ ޕާޓީތަކުން ވަނީ ބުނެފަ އެވެ.

މިރޭގެ މަޝްވަރާތައް ނިންމާލާފައިވަނީ އެމްޑީޕީ އަދި އަދާލަތު ޕާޓީއަށް މަޝްވަރާތަކަށް އަލުން ދައުވަތު ދިނުމަށް ނިންމާފަ އެވެ. މާދަމާ ހަވީރު ތިނެއް ޖަހާއިރު މަޝްވަރާތައް ބޭއްވުމަށް ޕާޓީތަކުން ވަނީ އެއްބަސްވެފަ އެވެ.

މަޝްވަރާތަކުގައި ބައިވެރިވި ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ފަރާތުން އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، ސަރުކާރު ކުރިއަށް ގެންދެވޭނެ މަގު ހޯދޭނީ މަޝްވަރާ ކޮށްގެން ކަމަށާއި އިދިކޮޅު ދެ ޕާޓީން މަޝްވަރާތަކުގައި ބައިވެރިނުވުމުން ހިތާމަ ކުރައްވާ ކަމަށެވެ. ނިހާން ވިދާޅުވީ، މަޝްވަރާކޮށް ވާހަކަ ދައްކަން ވަޑައިނުގަތުމަކީ ހުއްޖަތެއް ނޫން ކަމަށެވެ.

ސަރުކާރު ކޯލިޝަންގެ އެމްޑީއޭގެ ފަރާތުން މަޝްވަރާގައި ބައިވެރިވި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަހުމަދު އާމިރު ވިދާޅުވީ، އެ ޕާޓީގެ އެއްވެސް ޑިމާޑެއް ނެތް ކަމަށާއި އެ ޕާޓީން ތިބީ ދޫދޭންޖެހޭނަމަ ދޫދިނުމަށް ތައްޔާރަށް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، ރައީސް، މަޝްވަރާތަކަށް ގޮވާލެއްވީ އިސްލާހަށް ބޭނުންފުޅު ވާތީ ކަމަށާއި އެހެންކަމުން އެ ދައުވަތަށް އިހުތިރާމްކުރަންޖެހޭނެ ކަމަށެވެ. އަދި ބަޔަކު ހައްޔަރުވެފައި ތިބީ ގާނޫނީ ހުކުމަކުން ކަމަށާއި އެކަމަށް ވެސް ހައްލެއް ލިބޭނީ މަޝްވަރާތައް އައިސްގެން ކަމަށް ވިދާޅުވި އެވެ. "ރައީސް ބަޔަކު ހައްޔަރުކޮށްގެން އުޅެނީކީ ނޫން، އެހެންވީމާ އެކަމަށް ހައްލެއް ހޯދޭނީ ގާނޫނީ ގޮތުން، ޝަރުއީ ދާއިރާއިން ހުކުމް ކުރީމަ ރައީސް ކުރާނެ ކަމެއް ނޯންނާނެ،"

"ވާހަކައެއް ދައްކާ މަޝްވަރާކޮށްގެން ކަންކަްނ ހައްލުވާނީ، މަޝްވަރާކުރަން އަންނަންވީ، ކުރިން ފަހަރުވީހެން އަބަދުވާކަން ނުޖެހޭ،"

ޑީއާރްޕީގެ ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވީ މަޝްވަރާތަކަށް ފަހި މާހައުލެއް ގާއިމުކުރުމަށް ވެސް މަޝްވަރާތަކަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. "ގަބޫލުކުރެވޭނީ މަޝްވަރާކޮށްގެން ހައްލު ގެނެވޭނެ ކަމަށް، ގާނޫނުތަކަށް ބަދަލު ގެނެސްގެން މަޖިލިސް ތެރެއިން ހައްލެ ހޯދިދާނެ ކަމަށް ގަބޫލުކުރެވޭ،"

އިދިކޮޅު ދެ ޕާޓީން އެ ދެ ޕާޓީގެ ލީޑަރުން ދޫކޮށްލުމުން ނޫނީ މަޝްވަރާތަކުގައި ބައިވެރިނުވާނެ ކަމަށް ބުނެފައިވަނީ މިނިސްޓަރު ޝައިނީ ވިދާޅުވީ، ކުށްވެރިން ދޫކޮށްލަން ޖެހޭކަން ވެސް އެނގޭނީ މަޝްވަރާކޮށްގެން ކަމަށެވެ. އެހެންކަމުން މަޝްވަރާތަކަށް ވަޑައިގަތުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުން ގަބޫލެއް ނުކުރަން ޝަރުއީ ނިޒާމުން ބޭރުން ގާނޫނާ ހިލާފަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް،" ޝައިނީ ވިދާޅުވި އެވެ.

މަޝްވަރާތަކަށް ބޭރުގެ އެއްވެސް ފަރާތަކަށް ދައުވަތުދީފައިނުވާއިރު، އެމްޑީޕީ އަދި އަދާލަތު ޕާޓީއިން މިރޭ މަޝްވަރާތަކަށް ވަޑައިނުގެންނެވި ނަމަވެސް މާދަމާ މަޝްވަރާތަކަށް އެ ދެ ޕާޓީން ވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވި އެވެ.