ހަބަރު

މީހެއްގެ ކަންފަތް ކާލި މީހާ 15 ދުވަހަށް ބަންދުކޮށްފި

މިސްކިތުގައި ހުރި މީހެއްގެ ފޯނު ފޭރިގަންނަން އުޅެ އެކަން ނުވުމުން އެމީހާގެ ކަންފަތުގައި ދަތްއަޅައި ކަންފަތުގެ ބައެއް ކާލި މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ. މިއަދު ހެނދުނު 9:30 ހާއިރު ހިނގި އެ ހާދިސާއާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މީހެއްގެ ކަންފަތަށް ގެއްލުންދީގެން މިއަދު ހައްޔަރުކުރި މިހާއަކީ، މަސްތުވާތަކެތީގެ ގިނަ އަދަދެއްގެ މައްސަލަތަކާއި ވައްކަމާއި ފޭރުމާއި މުދަލަށް ގެއްލުންދިނުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު ދެ މައްސަލައެއް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި މައްސަލާގައި އަނިޔާވި މީހާއަށް މިހާރު ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ. އެއީ 53 އަހަރުގެ މީހެކެވެ.