ހައިކޯޓް

މިދިއަ އަހަރު ހައިކޯޓްގައި 415 މައްސަލަ އިސްތިއުނާފުކުރި

ދެހާސް ސާދަވަނަ އަހަރާ އަޅާބަލާއިރު 2015 ވަނަ އަހަރު އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލަތަކުގެ އަދަދު %20.6 އިތުރު ވެއްޖެ އެވެ. ދެހާސް ސާދަ ވަނަ އަހަރު އިސްތިއުނާފުކުރުމަށް 344 މައްސަލަ ހުށަހަޅާފައިވާއިރު 2015 ވަނަ އަހަރު ހުށަހަޅާފައިވަނީ 415 މައްސަލައެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އިސްތިއުނާފުކުރުމަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މާލޭގައި ގާއިމްކޮށްފައިވާ ހައިކޯޓަށެވެ. އެގޮތުން ޝަރުއީ ކޯޓުތަކުން ނިންމި މައްސަލަތަކުގެ ތެރެއިން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައްސަލަތަކުގެ %86 މައްސަލަ ހުށަހަޅާފައިވަނީ މާލޭގައި ހުންނަ ހައިކޯޓުގެ މައި އިދާރާއަށެވެ. އެއީ 357 މައްސަލައެވެ. މި މައްސަލަތަކަކީ މާލޭގައި ހުންނަ ހައިކޯޓަށް ނިސްބަތްވާ ސަރަހައްދު ތެރޭގައި ހިމެނޭ ކޯޓުތަކުން ނިންމާފައިވާ މައްސަލަތަކެވެ. މާލޭގައި ހުންނަ ހައިކޯޓަށް ނިސްބަތާ ސަރަޙައްދު ތެރޭގައި ހިމެނެނީ ސުޕީރިއާ ކޯޓުތަކާއި ޅ، ކ، އ، ވ، މ، ފ، ދ، ތ އަދި ލ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކެވެ.

ރާއްޖޭގެ ދެކުނުގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ ދެކުނު ގޮއްޕަށް ހުށަހަޅާފައިވަނީ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައްސަލަތަކުގެ %6.7 މައްސަލައެވެ. އުތުރު ގޮއްޕަށް ހުށަހަޅާފައިވަނީ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައްސަލަތަކުގެ %7.2 މައްސަލަ އެވެ. އެގޮތުން ހައިކޯޓުގެ ދެކުނު ގޮއްޕަށް ހުށަހަޅާފައިވަނީ ޖުމްލަ 28 މައްސަލައެވެ. އަދި އުތުރު ގޮއްޕަށް ހުށަހަޅާފައިވަނީ ޖުމްލަ 30 މައްސަލައެވެ.

ހައިކޯޓު ދެކުނު ގޮއްޕަށް ނިސްބަތްވާ ސަރަޙައްދު ތެރޭގައި ހިމެނެނީ ގއ، ގދ، ޏ އަދި ސ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކެވެ. ހައިކޯޓު އުތުރު ގޮއްޕަށް ނިސްބަތްވަނީ ހއ، ހދ، ށ، ނ، ރ އަދި ބ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކެވެ.

މިދިޔަ އަހަރު ޝަރުއީ ކޯޓުތަކުން ނިންމި މައްސަލަތަކުގެ ތެރެއިން އިސްތިއުނާފުކުރުމަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ސިވިލް ކޯޓުން ނިންމި މައްސަލަތަކެވެ. އެގޮތުން 2015 ވަނަ އަހަރު އިސްތިއުނާފުކުރުމަށް ހުށަހެޅުނު 415 މައްސަލައިގެ ތެރެއިން %35.4 މައްސަލައަކީ ސިވިލް ކޯޓުން ނިންމާފައިވާ މައްސަލަތަކެވެ. އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ސިވިލް ކޯޓުން ނިންމާފައިވާ މައްސަލަތަކުގެ އަދަދަކީ 147 އެވެ.

މިދިޔަ އަހަރު އިސްތިއުނާފުކުރުމަށް ހުށަހެޅުނު 415 މައްސަލައަށް ބަލާއިރު، ދެވަނައަށް އެންމެ ގިނައިން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވަނީ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމި މައްސަލަތަކެވެ. އެއީ އިސްތިއުނާފުކުރުމަށް ހުށަހެޅުނު 415 މައްސަލައިގެ %33.3 މައްސަލައަވެ.
މިދިޔަ އަހަރު އިސްތިއުނާފުކުރުމަށް ހުށަހެޅުނު މައްސަލަތަކުގެ %27.7 މައްސަލައަކީ ކްރިމިނަލް ކޯޓުން ނިންމާފައިވާ މައްސަލަތައް ކަމަށް ވާއިރު، %2.7 މައްސަލައަކީ ފެމިލީ ކޯޓުން ނިންމާފައިވާ މައްސަލަތަކެވެ. އަދި %0.7 މައްސަލައަކީ ޖުވެނައިލް ކޯޓުން ނިންމާފައިވާ މައްސަލަތަކެވެ. ބާކީ %0.2 މައްސަލައަކީ ޑްރަގް ކޯޓުން ނިންމާފައިވާ މައްސަލަތަކެވެ.