ހަބަރު

މިއަދަށް ތާވަލުކުރި ޒިޔަތުގެ ޝަރީއަތް ކެންސަލް

އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވާ ހިޔާނާތުގެ މައްސަލާގެ މިއަދު އަޑުއެހުން ކެންސަލް ކޮށްފި އެވެ. އެ އަޑުއެހުން ތާވަލުކޮށްފައި އޮތީ މިއަދު މެންދުރުފަހު ދެއެއް ޖަހާއިރަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަޑުއެހުން ކެންސަލްކުރީ، ޒިޔަތުގެ މައްސަލަ ބަލާ ސެކްޝަނުގައި އެހެން މައްސަލައެއްގެ ހެކި ބަސް ނެގުން ކުރިއަށްދާތީ އެވެ. ޒިޔަތުގެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދެވެ. އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކުރެއްވުމާ ގުޅިގެން މި މައްސަލަ މިހާރު ބައްލަވަމުން ގެންދަވަނީ، ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފެވެ.

ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ސެޕްޓެމްބަރު 29، 2015، ގައި އެބޮނީ ޕްރައިވެޓް ލިމިޑެޓް ނަމަކަށް ކިޔާ ކުންފުންޏަކަށް، 50 އަހަރަށް މާލެ އަތޮޅުގެ ފަޅެއް ކުށްޔަށް ދޫކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ.

މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޒިޔަތު ވިދާޅުވީ، އެމްއެމްޕީއާރްސީގެ މައްސަލާގަ އާއި އަދި އޭނާއަށް ތުހުމަތު ކުރާ އެހެން ހުރިހާ މައްސަލަތަކެއްގައި މީގެ ކުރިން ފުލުހުންގެ ތަހުގީގަށް ދީފައިވާ ހުރިހާ ބަޔާންތަކެއް ދީފައި ވަނީ އަމިއްލަ އިހުތިޔާރުގައި ހުރެ ނޫން ކަމަށާއި އޭނާ ދައްކަން ބޭނުންވާ ހަގީގީ ވާހަކަ ދައްކަވަނީ މިހާރު ކަމަށެވެ.

ޒިޔަތު ވިދާޅުވީ ކުރިން ކަން ކޮށްފައި ވާނީ އަދީބު އެންގެވި ގޮތަށް ކަމަށާއި ތަހުގީގީ ބަޔާން ދެއްވިއިރު އަމިއްލަ އިހުތިޔާރުގައި ހުރެ ބަޔާން ނުދެއްވުނީ އޭރު ވަކީލެއްގެ ގޮތުގައި ހުރީ، އަދީބުގެ ވެސް ގާނޫނީ ވަކީލް މޫސާ ސިރާޖު ކަމަށް ވާތީ ކަމަށެވެ.

ޒިޔަތު ވިދާޅުވީ، އެބޮނީއިން ދިން ޗެކާ ހަވާލުވެ ވަޑައިގެންނެވި ކަމަށާއި ޓޫރިޒަމް މިނިސްޓްރީން ފޮނުވި ސިޓީއަކާ އެއްގޮތަށް އެ ފައިސާ އަދީބާ ހަވާލުކުރީ ކަމަށެވެ. ސިޓީގައި ވަނީ އަދީބު އަންގާ ގޮތްތަކަށް ރަށް ދޫކުރުމަށް އަންގާފަ އެވެ. ޒިޔަތު ވިދާޅުވީ، އަދީބަށް އެ ފައިސާގެ ޗެކް ހަވާލުކުރީ ޓޫރިޒަމް މިނިސްޓްރީގެ މިނިސްޓްރީ ބިއުރޯގެ ތެރޭގައި ކަމަށެވެ. އޭރު ހުރިހާ ކަމެއް ވެސް ކުރަމުން ދިޔައީ އަދީބު އެންގެވި ގޮތަށް ކަމަށް ޒިޔަތު ވިދާޅުވި އެވެ.

އެ ފަޅުގެ މައްސަލައިގައި މަގާމުގެ ނުފޫޒު ބޭނުން ކުރި ކަމުގެ ދައުވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ވަނީ އުފުލައިފަ އެވެ. އަދީބު ވެސް އެ ދައުވާއަށް އިންކާރު ކުރައްވަ އެވެ. އެމްއެމްޕީއާރުސީ އިން ދޫކުރި އެހެނިހެން ވެސް ރަށްތަކާއި ފަޅުތަކުގެ މައްސަލައިގައި އަދީބާއި ޒިޔަތުގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ގާތްގަނޑަކަށް 50 އެއްހާ މައްސަލަ ޕީޖީއަށް ފޮނުވައިފަ އެވެ.