ރިޕޯޓް

އަދީބު: ބަޑި ޖަހައި އަހަރެން ޒަހަމްކޮށްލައިދީ!

Mar 4, 2016
22

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލައާ ގުޅޭ ބައިވަރު މައުލޫމާތު ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީން މިހާތަނަށް ވަނީ ފަޅައިލާފަ އެވެ. އެކަމަކު މުޅި ހަމަލައަށް ބަލާއިރު އިންޓެލިޖެންސާ ގުޅިފައި އޮންނަ ޕްރޮފެޝަނަލް އިންވެސްޓިގޭޝަނެއްގައި ބަލައި އުޅޭ "ކާވް ޑައިމެންޝަން" ރޫޅިގެން ހިނގައިދާނެ ތަފާތު ސަބަބުތަކަށްޓަކައި ވަރަށް ގިނަ ވާހަކަ އަދި ހުރީ ދަމާލެވިފައިވާ ކޯޑަން ތެރޭގަ އެވެ. ހަގީގަތުގައި އެ ހަމަލައާ ގުޅޭ ސިއްސައިގެންދާވަރު، އަދި ރާއްޖެ ހަލުވައިގަންނަވަރު އެތައް ކަމެއް އެ ކޯޑަންގެ ތެރޭގައި އެބަހުއްޓެވެ.

"ފިނިފެންމާ" ގޮއްވާލި ބޮމުގެ ހުރިހާ ތުހުމަތެއް އޮތީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށެވެ. ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީން ޔަގީންކޮށްފައި ވަނީ ޝަރީއަތުގައި އަދީބުގެ މައްޗަށް ސާބިތު ކުރެވޭވަރުގެ ހެކި އެސްޓަބްލިޝް ކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ކޮމިޝަނުން މިހާތަނަށް ދޫކޮށްލި ވާހަކަތަކާއި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ބައިވަރު ވާހަކަ އަދި ދޫކޮށް ހިފަހައްޓާފައި ހުރީ ތަހުގީގުގެ ކާވް ޑައިމެންޝަން ބަދަލުވެދާނެ ކަމަށް ވުމީ ވަރަށް ގާތް ކަމެކެވެ. އެކަމަކު އެހެން ވާކަށް ލާޒިމެއް ނޫނެވެ.

ޖަލުގައި އޮންނެވި އަދީބާއި އޭނާއާ ގުޅިފައިވާ މީހުނަށް ވެސް މިކަން އެނގެ އެވެ. އެހެންވެ އެމީހުން ވެސް ތިބީ އަދިވެސް ތަހުގީގުގައި އެމީހުންގެ "ނޯމަލް އިސްޓޯރީ" ޖައްސައިގެނެވެ. އަދީބު ގަބޫލު ކުރައްވާ ގޮތުގައި އެ ސްޓޯރީގައި ކުރިޔަށް ވަޑައިގެންނެވިޖެ ނަމަ ޖަލު "ފަޅާލާފައި" އޭނާއަށް ނުކުމެވިދާނެ އެވެ. ޖަލުތަކުގަ އާއި އަރުވާލެވިގެނާއި ފިލައިތިބި އަދީބާ ގުޅިފައިވާ އެހެން ބައެއް މީހުން ވެސް ގަބޫލު ކުރާ ގޮތުގައި އެމީހުންނަށް ފެންނާން އޮތް ހިމަ ރޮދީގެ މަތިން ދަތުރު ކުރެވިއްޖެނަމަ ރަހުމަތަކުން ސަލާމަތްވެވި ރައީސް ޔާމީން ކޮށިއަރުވައިލެވިދާނެ ވާހަކަތަކެއް ނެރެވިދާނެ އެވެ. އޭރަށް ބިރުދައްކައި މެނިޕިއުލޭޓް ކުރާ ހިޓް ސްކޮޑްގެއްގެ އެހީގައި ރައީސް ޔާމީންގެ ސަރުކާރު ވެސް "ފަޅައި" ލެވިދާނެ އެވެ. އެކަމަކު ފިނިފެންމާ ބްލާސްޓަކީ ސައިޒް ބޮޑަސް އެއަށްވުރެ މާ ގަޅި ގޮއްވުމެކެވެ. އިންޓެލިޖެންސާއި އިންކްއަރީ ކޮމިޝަނާއި އެ ކޮމިޝަނާ ގުޅިފައި އޮތް ތަހުގީގު ޓީމާއި ރައީސް ޔާމީން އެޑްމިނިސްޓްރޭޝަން ކޯ އޮތީ އެއަށްވުރެ މާ ސްމާޓް ކޮށެވެ. ރަނގަޅު ހިސާބެއް ހަދައިގެނެވެ.

މި ރިޕޯޓްގައި "ފަޅައިލާ" ނީ ފިނިފެންމާގައި ބޮންގޮއްވާލި ހާދިސާގެ ތެރެއިން މިހާތަނަށް ފެންމަތިކޮށްފައި ނުވާ އެެހެންނަމަވެސް އަވަސް އިން ހޯދި ހޯދުންތަކުން އަދީބުގެ ގާތް މީހުނާއި އިންޓެލިޖެންސް ވެސް ހިމެނޭ ގޮތަށް އެތައް އެކައުންޓަކުން ޔަގީން ކަށަވަރުވާ ބައެއް އާ ވާހަކަ އެވެ.

އަދީބު މާލެ ނުގެނައީ ކީއްވެ؟

އެންމެ ބޮޑު އެއް ސުވާލު އޮތީ ބޮމުގެ ހަމަލާއަށްފަހު އަދީބު ޗައިނާގައި ހުންނަވާފައި ރާއްޖެ ވަޑައިގަތުމުން ހައްޔަރު ކުރި ދުވަހުން ފެށިގެން މިދާދުވަހާ ޖެހެންދެން މާލެ ނުގެނެސް ސަރުކާރުގެ ތަހުގީގު ޖަލު، ދޫނިދޫގައި ބަހައްޓާފައ ހުރި ހުރުމުންނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟

އަދީބު އަމިއްލަފުޅަށް ވެސް އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި ހިނގާ ހުރިހާ ނުބައި ކަމެއްގެ ފޫޅު އެމްޑީޕީން ކަނޑާފައި އޮންނަނީ އޭނާއަށެވެ. މީހުން މަރައެވެ. މީހުން ވަގަށް ނަގައި ނިޒާމުން ގެއްލުވައިލަ އެވެ. ބޮޑެތިހާ ވައްކަން ކުރެއެވެ. ހިޔާނާތްވެ އެވެ. ލީޑަރުން ފްރޭމް ކުރެއެވެ. މީހުންނަށް ބިރު ދައްކައެވެ. ތަންތާނގައި ރޯކުރެއެވެ. މީހުން ޖިހާދަށް ފޮނުވައެވެ. ރިޝްވަތުދީ މީހުން ގަނެލަ އެވެ. ޓެރަރިޒަމަށް ވާގިވެރި ޓެރަރައިޒް ކުރެއެވެ. ގޭންތައް ކޮންޓްރޯލްކޮށް ފައިސާ ބަހައެވެ.

ތަފާތު އޭންގަލަކުން ވިސްނައިލަމާ ހެއްޔެވެ؟ އެހުރިހާ ކަމެއް ކުރާ، ނުވަތަ ތުހުމަތު އޮތް މީހަކަށްވުރެ ބޮޑު ޓެރަރިސްޓަކު ދެ ލައްކައެއްހާ މީހުން އުޅޭ މަލެއަށް އަރުވާން ހޮޔޮވާވަރުގެ ކަމަކަށް ނުވާނެތީ މާލެ ނުގެންނަނީ އެވެ. އެހެން ވެގެން އެކްސްރޭ މެޝިނު ވެސް "އުރާލައިގެން" ދޫނިދޫއަށް ގެންދަނީ އެވެ. އެމެރިކާގައި ވެސް އެން ބޮޑެތި ކުށްވެރިންނާއި ޓެރަރިސްޓުން އެމެރިކާއަށް ވެސް ނާރުވައި ގެންދަނީ ކިއުބާގައި ހަދައިގެން އުޅޭ ގުއަންޓަނާމޯބޭއަށެވެ.

ގުޅޭ އެހެން ވާހަކައެކެވެ؛ އަދި އިންޑިއާގައި ހިނގި ހިނގި ހާދިސާއެކެވެ؛ ޓެރަރިސްޓުންތަކެއް މީހުން މަރައި އާންމުން ޓެރެރައިޒް ކުރުން ހައްދުފަހަނަޅައި ގޮސް އާންމު ރެސިޑެންޝަލް އޭރިއަކަށް ވަދެގަނެ އެތަކެއް ބަޔަކު އުޅޭ އިމާރާތަށް ގަދަވެ މީހުން މަރާ ރަހީނުކޮށް ފޭރި ހަދަނީ އެވެ. މި ބަލާވެރިކަން ބޮޑުވެގެން ސަރަހައްދުގެ ފުލުސް އިންސްޕެކްޓަަރަކު އަމިއްލައަށް ގޮތް ނިންމަ އެވެ.

ނޫސްވެރިންނާއި ފުލުހުން ގޮވައިގެން ގޮސް ޓެރަރިސްޓުން ތިބި އިމާރާތަށް ވަދެގަނެ އެތެޅި ތެޅީނުން ޓެރަރިސްޓުންތައް ރޯނާ ގަންނަވާލައި މަރާ ހުސްކޮށްލަ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ އަނބީންނާއި މައިން އެމީހުންގެ ޓެރަރިސްޓު ދަރީންގެ ސަލާމަތަށް އެދުމުން ވެސް ނޫސްވެރިންގެ ކުރިމަތީގައި އެ އެންމެން މަރާލަނީ އެވެ. އެންމެ ފަހުން އެ މައްސަލައިގެ ޝަރީއަތް ފެށި އެވެ. ފުލުސް އިންސްޕެކްޓަރާ ދެކޮޅަށެވެ. އެ ދައުވާގައި އިންސްޕެކްޓަރުގެ ވަކީލަށް ފުރުސަތު ލިބުމުން ކޯޓް ރޫމުގައި އޭނާ ބުނެ އެވެ:

"މި މައްސަލައިގެ ދިފާއު ބިނާ ކުރަން އަހަރެން ދައްކާނެ ވާހަކައެއް ކުރާނެ ކަމެއްވެސް ނެތެވެ. އެކަމަކު އަހަރެންގެ ސުވާލެއް އެބައޮތެވެ. އެ ސުވާލު ފަނޑިޔާރަށް ވެސް އަމާޒުވެ އެވެ. މިތިބަހާ މީހުނަށް އަމާޒުވެ އެވެ. މި ކޯޓްގައި ދިފާއު ކުރާން އަހަރެން އައި އިންސްޕެކްޓަރާއިި އަހަރެމެންގެ މިއޮށްބޮޑު އިންޑިއާއަށް ވެސް އަމާޒުވެއެވެ. އެ ސުވާލަކީ މި އިންޑިއާގެ ރައްޔިތުންގެ ގޭގޭގެ ކުރިމަތީގައި އަހަރެމެން ބަހައްޓާނީ ހަތިޔާރު އަޅައިގެން ނުކުމެ މީހުން މަރާ ޓެރަރިސްޓެއް ހެއްޔެވެ؟ ނޫނީ އެމީހުންގެ ކިބައިން އަހަރެމެންގެ ރައްޔިތުން ސަލާމަތްކޮށްދީ ހިމާޔަތްދިން ޔުނީފޯމް އެޅި މީންދަ އިންސްޕެކްޓަރު ހެއްޔެވެ؟ މި ސުވާލަށް ޖަވާބެއް ލިބުނީމާ އަހަރެންގެ ވަކާލާތު ކުރުން ނިމުނީ އެވެ."

މި މައްސަލަ ނިމުނީ އިންސްޕެކްޓަރުގެ ކޮޅަށެވެ. އަމިއްލަ ގޭގެ ކުރިމަތީގައި ހަތިޔާރު އެޅި ޓެރަރިސްޓް މީހާ ބެހެއްޓުމުގެ ބަދަލުގައި ޔުނިފޯމް އެޅި ފުލުސް މީހާ ބަހައްޓާން ރުހިގެނެވެ. އެހެން ކަމުން ލާހެއްދެވިހާ ތުހުމަތެއް އޮތް އަދީބު ހައްޔަރު ކުރުމަށްފަހު މާލެ ނުގެނައުމުންނާއި މިހާރުގެ ހޯމް މިނިސްޓަރުގެ ގޮތް ބާވަތް ހުން ގޮތުން ފުރަތަމަ ހީކުރެވުނީ މި އުސޫލުން އޭނާ މާލެ ނުގެނައީ ކަމަށެވެ. އަސްލުގައި އަދިވެސް ގެންނާކަށް ނުޖެހެ އެވެ. -- އިންޑިއާގެ އެ ހާދިސާގެ މައްޗަށް 'ޝޫޓް އައުޓް އެޓް ލޯކަނޑުވާލާ' ގެ ނަމުގައި ފިލްމެއް ކުޅެފައި އޮވެ އެވެ --

މަރު ނުވާވަރަށް ޒަހަމްކޮށްލަން އަދީބު އެދުނު

އޭގެ ފަހަތުގައި އޮތީ މުޅިން އެހެން ކަމެއްކަން އަވަސް އިން ހޯދި ހޯދުންތަކުން އެނގެ އެވެ. އަދީބު ހައްޔަރު ކުރި ފުރަތަމަ ދުވަހުން ފެށިގެން އޭނާ މާލެ ނުގެނެސް ދޫނިދޫގައި ބެހެއްޓީ ކާވް ޑައިމެންޝަންގެ ރޫޓް ދެނެގަތުމަށެވެ. ސަބަބަކީ ބޮމުގެ ދެވަނަ ގޮއްވުމަކަށް އައިއީޑީއެއް ތައްޔާރުކޮށްފައި އޮތުމެވެ. އަދި ދެވަނަ ހަމަލާއަކުން ރައީސް ޔާމީން އަވަހާރަކޮށްލުމާއި ވާހަކަ އޮއްބާލުމަށް އަދީބު ޒަހަމްކޮށްލަން ރާވާފައި އޮތް ކަމުގެ މައުލޫމާތު ލިބުމެވެ. ހާއްސަކޮށް އެ ބޮމަކީ ސީދާ ރައީސް ޔާމީން އަވަހާރަކޮށްލަން ގޮއްވާލާ ބޮމެއްތޯ ނޫނީ އަދީބު ޒަހަމްކޮށްލަން ގޮއްވާ ބޮމެއްތޯ އާއި އެ ބޮން ގެންދާ ދިމާ މުޅީން ކަށަވަރު ނުވެ އޮތުމެވެ. ފަހުން އެ ބޮންވީ މުލިއާގޭ ކައިރިން ރައީސް ދަތުރު ކުރައްވާ މަގުމަތިން ގޮއްވާލަން ބޭއްވި ބޮމަށެވެ.

ފަހުން ކަށަވަރުވި އަނެއް ކަމަކީ އަދީބު ޒަހަމްކޮށްލަން ރާވާފައި އޮތީ ބޮމެއް ގޮއްވާލުމުގެ ބަދަލުގައި ސީދާ އަދީބު ގަޔަށް ޝޫޓް ކޮށްގެން ކަމެވެ. އެކަން ރާވާފައި އޮތްކަމުގެ ފުރިހަމަ އިންޓެލިޖެންސް މައުލޫމާތުތައް ހުރުމާއެކު އެވެ. މި ހަމަލާއަކީ ޗައިނާގައި ހުންނެވި އިރު ރާވާފައިވާ ޕޮލޮޓެކެވެ. ބޭނުމަކީ އެހިސާބަށް ދިޔައިރު ތަހުގީގު ދަތުރު ކުރާ ދިމާގެ މައުލޫމާތު އަދީބަށް ވަރަށް ބޮޑަށް ސާފުވެފައި އޮތުމުން އޭނާގެ މައްޗަށް ތުހުމަތު ކުރެވި ޔަގީންވަމުން ދިޔަ ޝައްކުގެ ތަކުގެ މައްޗަށް ހިޔަނި އަޅުވާލައި ޕަބްލިކް ހަމްދަރުދީ ހޯދުމެވެ. ހަމަލާރާވާފައި އޮތީ ސީދާ އަދީބު މަރާލާކަށް ނޫނެވެ. އެކަމަކު މަރު ނުވާވަރަށް ވީ އެންމެ ބޮޑަކަށް ޒަހަމްކޮށްލާ ގޮތަށެވެ. ދެ ގޮތަކަށް ރޭވިއެވެ. އެއީ ބޮޑީގާޑުންގެ އެހީގައި އެއާޕޯޓުން ޝޮޓްކޮށް ޒަހަމްކޮށްލުމަށާއި އެއަށް ވޯކް ނުކުރެއްވިޖަނަމަ މާލެއިން ޝޫޓްކޮށްގެން ޒަހަމްކޮށްލުމަށެވެ. މާލޭގައި ސްނައިޕަރެއް ހުއްޓެވެ. އައިޑީއެއް ގޮއްވިދާނެ ހިޓް ސްކޮޑެއް އޮތެވެ.

"ހުރިހާ ކަމެއްގެ ތެރެއިން އަދީބު ބޭނުންވި މަރުުނުވާ ވަރަށް ޒަހަމްވެވަޑައިގަތުމަށް، އެކަމަށް އެދި ބޮޑީގާޑުގެ ކިބައިން އެދުނު. މިކަމަށް އަދީބު އެއްބަސްވޭ، ފައިގެ ތަންތަނަށް ފިސްތޯލަ ޖަހަން އެދުނީ" ހައްޔަރު ކުރި ފަހުން އަދީބާ ހަމައަށް ރީޗްވެވުނު ސާކާލްގެ ތެރެއިން މީހަކު އަވަސްގެ ނޫސްވެރިޔާއަށް ކިޔައިދިނެވެ. "ބޮމުގެ ހަމަލައާބެހޭ ގޮތުން އޭނާ ވާހަކައެއް ނުދައްކާ އެކަމަކު މަރު ނުވާވަރަށް ފިސްތޯލަ ޖަހައި ޒަހަމްކޮށްލަން އޭނާ ތަކުރާރުކޮށް އެދުނު ކަމަށް ވިދާޅުވޭ،"

އެހެން ބައެއް ސޯސްތަކުން އަވަސް އަށް ކަށަވަރުވެފައިވާ ގޮތުގައި މަރާ ނުލައި ޒަހަމްވެގެން އަދި މައްސަލައިގެ މައްޗަށް ހިޔަނި އަޅުވާލައި އާންމުންގެ ހަމްދަރުދީ ހޯދަން ރޭވި ރޭވުން އަމާޒުކޮށްފައި އޮތް ފުރަތަމަ ދުވަހަކީ ޗައިނާއިން މާލެ ވަޑައިގެންނެވި ދުވަހު އެވެ.

މިއީ އަދީބުގެ ގާތް މީހުންގެ ތެރެއިން ސިއްރު އެކައުންޓެކެވެ. މި އެކައުންޓުން ޔަގީންކޮށްދެނީ މިހެނެވެ:

"އޭގެ ބޭނުމަކީ ބޮމުގެ ހާދިސާގެ މުޅި އަސްލަކީ އައިއެސްގެ ތްރެެޓެއްކަން ދެއްކުން. އަދީބުގެ ޖެނެރަލް އައިޑިއާއަކީ ޕޮލިޓިކަލީ އެޓެންޝަން ޑައިވަޓް ކުރާ ޓެކްނިކެއްގެ އެހީގައި ފިނިފެންމާ ބޮމުގެ އަސްލު އެހެން ދިމާއަކަށް ގެންދިއުން، އެ ޓެކްނިކް ވޯކް ކުރުވަން. ވަރަށް ގިނަ މަސައްކަތް ކުރި މާލެއިން ފުރުމުގެ ކުރިން ވެސް. އެގޮތުން ފުރަތަމަ ބެލީ ހޯމް މިނިސްޓަރު އުމަރަކީ ނުބައި ހަދާ ގޯސް މީހެއް ކަމަށް ދައްކަން. ދެން އައިއެސްއާ ގުޅުވައިލުން އެނޫނަސް ބައިވެރު ޓެކްނިކްތައް ރޭވި އެކަމަކު އެއްވެސް ސަޕޯޓް ބޭސްއެއް ނެތުމުންނާއި ރައީސް ޔާމީންގެ ރޭވުންތެރި ކަމުން އެހުރިހާ ކަމެއް ބޭކާރުވެގެންދިޔައީ، އަދީބު މާލެ ނުގެނެސް ހިފެހެއްޓީ އެހެންވެގެން، ތިން އެޓެމްޓެއް އޮތް މާލެ ގެންނަ ވަގުތާ ދިމާކޮށް ޒަހަމްކޮށްލަން، މިހާރު އެތްރެޓެއް ނެތް،"

ފިނިފެންމާ ގޮއްވާލަން ހައި އެކްސްޕްލޯސިވް ތައްޔާރުކުރީ ކިހިނެއް؟

ފިފެންމާ ގޮއްވާލި ގޮތް ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީގެ ކޯޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވަރަށް ތަފުސީލްކޮށް ދެ ފަހަރެއްގެ މަތީން ވިދާޅުވެ ދެއްވައިފައެވެ. ދެފަހަރު މަތިން ދައްކަވާފައިވާ ވާހަކަތަކާއި ވަކިވަކިން އެކި ނޫސްތަކަށް ދެއްވާފައި ހުރި އިންޓަވިއުތަކުގައި ދެތަނަކުން ނޫނީ ތަފާތެއް އައިސްފައެއް ނުވެ އެވެ. އެކަމަކު ދައްކަވާފައި ހުރި ހުރިހާ ވާހަކައަކުން ވެސް އަދި ބައިވަރު ވާހަކަ އެބަހުރިކަން ސުބުހައެއް ނެތްވަރަށް ސާފެވެ.

ފިފެންމާ ގޮއްވާލައި ރައީސް ޔާމީން އަވަހާރަކޮށްލުމަށް ބޭނުންވާ އެކްސްޕޮލޯސިވް ތައްޔާރު ކުރި ގޮތް ހޯދަން އަވަސް އިން ވަނީ އެކި ގޮތްގޮތަށް މަސައްކަތްކޮށްފަ އެވެ. އެގޮތުން އެ ތަހުގީގަށް ރާއްޖެ އައި ސްރީލަންކާގެ ޓީމަށް ރީޗްވެވޭތޯ ވެސް މަސައްކަތްކޮށްފައިވާނެ އެވެ. އެއީ ނާކާމިޔާބު މަސައްކަތެކެވެ.

އެކަމަކު ދެވުނު ހިސާބުތަކުން ލިބުނު މައުލޫމާތުތައް އެއްގޮތް ކުރަމުން ވަރުން އަޅުވަމުން ގޮސް ހުރިހާ ދިމާއަކުން އެއް ގޮތް އެއް ނަތީޖާއެއް ނުކުމޭތޯ ބެލި އިރު ފިނިފެންމާ ގޮއްވާލަން ބޭނުންކުރި ހައި އެކްސްޕްލޯސިވް ނެރެފައި ވަނީ ސީދާ ސިފައިންގެއިނެވެ. ސިފައިންގެއިން ހައި އެކްސްޕްލޯސިވް ނެރުނީ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ސިފައިންގެ މީހުނެވެ.

ކޮންޓެއިނާކޮށް ބޭރުން އިމްޕޯޓް ކުރުމުގެ ޗާންސެއް އޮތް ނަމަވެސް ގާތްގަނޑަކަށް 90 ޕަސެންޓަށް ޔަގީންވާ ގޮތުން ހައި އެކްސްޕޮލޯސިވް ނެރެފައި ވަނީ ސިފައިންގޭގެ ބަޑި ގުދަނުންނެވެ. އެހެން ނަމަވެސް އެ އައިއީޑީއާ ގުޅޭ ފިއުޒްތަކާއި އެހެނިހެން ބައެއް ސާމާނާއި ކޮމްޕޯނަންޓްތައް ގެނައީ ހަވާ އެރުވުމުގެ ނަމުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް އެތެރެކުރި ބަޑިބޭސް ކޮންޓެއިނާގެ ތެރޭގައި ހަވާ އަރުވާ ސާމާނުގެ ގޮތުގައި ހިމަނައިގެނެވެ.

މި ޕްލޭންގައި އިންޑިއާ ބައިވެރިވޭތަ؟

ސިފައިންގެއިން ނެރުނު ހައި އެކްސްޕްލިސްވްގެ ޕެކޭޖް ފުރިހަމަ ކުރީ އާރަށުގަ އެވެ. އޭގެ ފަހުން މާލެ ގެނެވުނެވެ. އަދި އޭގެ ފަހުން އެ ޕެކޭޖް ރެހެންދި ފްލެޓުން އަދީބާ ހަވާލު ކުރެވުނެވެ. ދެވަނަ ފަހަރު އެ ޕެކޭޖް އާރަށަށް ގެންދިޔައިރު އަދީބު ވަޑައިގެންނެވި އެވެ. ޕެކޭޖް އުފުލީ އެ ތައްޔާރު ކުރުމުގައި އިސްވެހުރި ސިފައިންގެ މީހާ އެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން އެއީ ކާކު ކަމެއް އަވަސް އަކަށް އަދިއެއް ސާފެއް ނުވެއެވެ.

ލޯންޗުގައި ޕެކޭޖް އާރަށަށް ގެންދިޔަ ރޭ ލޯންޗް އާރަށުގައި ބާއްވައިގެން އައިއީޑީ ލޯންޗްގައި ހަރުކުރި ކަމުގެ ކްލިއާ އެވިޑެންސް ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީން ވަނީ ހޯދާފައެވެ. މައްސަލަ ޝަރީތުގައި ސާބިތު ކުރާނެ ކަމަށް ޔަގީނޭ ބުނަނީ ވެސް އެހެންވެގެން ކަމަށް ބެލެވެ އެވެ.

މިއީ ސަރުކާރުގެ ސިއްރު އެކައުންޓަކުން ކަށަވަރު ކޮށްދޭ ގޮތެވެ:

"ބޮން ފިނިފެންމާގައި ހަރުކުރަން ބޭނުން ކުރި ސާމާނާއި އޭގެ އެވިޑެންސާއި ބޮން ހަދާފައި ބާކީ ހުރި ތަކެޗާއި ސާމާނާއި އެއްޗެއްހި ވެސް މިހާރު ވަނީ ހޯދާފައި. ވަރަށް ކޮންފިޑެންސާއެކު ކޯޓްގައި އެ މައްސަލަ ސާބިތު ކުރާނެ މިކަން ކުރި އިރު އަދީބު މޫދުގައި ވެސް އޮންނެވި ލޯންޗަށް ވެސް އެރުއްވި ބޮން ލޯންޗުގައި ހަރު ކުރި އިރު އޭނާ ހުރި،"

ބޮން ގޮއްވާލީ ޓައިމަރަކުންތަ؟ ރިމޯޓަކުންތަ؟

ފިނިފެންމާގައި ގޮއްވާލި ބޮމުގެ އެކްސްޕްލޯސިވް ޓައިޕް އަދި ޓްރިގާ ކުރި ގޮތާމެދު ވަރަށް ބޮޑަށް ވިސްނަން ޖެހުނެވެ. ގޮވުން އިން ގޮތުންނާއި ރޭންޖްގެ ގޮތުން އެ ޓައިޕް ވަޒަން ކުރަން ވަރަށް ދައްޗެވެ. އެހެން ނަމަވެސް ތަފާތު މައުލޫމާތުތަކަށް ފީނައި ބަލައިލުމުން މިހާރު ގަބޫލު ކުރެވީ ލޯންޗު ގޮއްވާލާފައި ވަނީ ދުރުގައި ހުރެ ރިމޯޓެއްގެ އެހީގައި ކަމަށެވެ. އެގޮތަށް ބުރަވާން ޖެހޭ ސަބަބު އެބަހުއްޓެވެ. މައިގަނޑު އެއްކަމަކީ ފިނިފެންމާގައި އައި ގޮއްވުން އެގޮތަށް ގޮއްވުމަކީ ޓައިމަރެއް ބޭނުންކޮށްގެން ކުރަން ވަރަށް އުނދަގޫ ކަމަކަށްވާނެތީ އެވެ.

މިސާލެއް ދޭނަމަވެ: ރައީސް ހުޅުލެއަށް އަރާ ވަޑައިގަތުމާ ލޯންޗުގައި މާލެއަށް ފާބައިވަޑައިގަތުމާ ދޭތެރޭގައި ވާނީ ގާތްގަނޑަކަށް ފަސްވަރަކަށް މިނެޓެވެ. ވީމާ ސީދާ 8:3 ގައި ނުނީ 9:00 ޖަހާއިރު ލޯންޗު ގޮއްވާލަން ދިންމާކޮށްފިއްޔާ ޓައިމަރަކުން އެ ޓައިމިން ދިމާނުވުމަކީ އެންމެ ގާތް ގޮތެވެ. އަދި ދިމާ ކުރުމަކީ އެންމެ އުނދަގޫ މަސައްކަތެވެ. މިއަށްވުރެ ބޮޑަށް ޓައިމަރުގެ ސެޓިން ޓައިމިންނާއި ރައީސްގެ ޝެޑިއުލްގެ ޓައިމިންއާ ދިމާވުމަކީ އަދި މާދުރު ކަމެކެވެ. ސަބަބަކީ ރައީސް ދަތުރު ޑިލޭއެއްވެސް ވެދާނެ އެވެ. އެއާޕޯޓްގައި އިންޓަވިއު ދެއްވަންވެސް ނިންމަވާފާނެ އެވެ. އަދި އެނޫން ވެސް ކަމެއްގައި ޓައިމަރާއި ރައީސްގެ ސްޕީޑާ ދިމާ ނުވެދާނެތީ ޓައިމް ބޮމެއްގެ ގޮތުގައި ކުރިން ބެލެމުން އައި ބެލުން ސުވާލެއް ނެތި ރޫލްއައުޓް ކުރެވެ އެއެވެ. ސަބަބަކީ އަދީބު ކޮންމެހެން ބޭނުންވެފައިވާ ކަމެއްގައި އެވަރުގެ ރިސްކެއް ނުނަގާނެތީ އެވެ.

މިހުރިހާ ކަމަކަށް ބަލާއިރު އެ ބޮން އެކްޓިވޭޓްކޮށްފައި ވަނީ މޮބައިލް ފޯނެއް މެދުވެރިކޮށް ނުވަތަ ރިމޯޓެއް މެދުވެރިކޮށް ގޮއްވާލާ ގޮތަށެވެ. މި ދެގޮތް ވެސް މީ ގާތްގަނޑަކަށް އެއްގޮތެކެވެ. މި ދެ ގޮތަށް ބޭނުންކޮށްފައިވާނަމަ އެކަން ކުރަން ހަވާލުވި މީހާ އެކަން ކޮށްފައި ވަނީ ވަރަށް ކްލޯ ރެންޖެއްގައި ހުރެގެނެވެ. މީގެ މާނައަކީ ގޮއްވާލާފައި ވަނީ ސީދާ "ލައިން އޮފް ސައިޓް" ގައި ހުރެ އެވެ.

ބޭނުންކުރި ސީދާ ޑިވައިސް އަދި އޭގެ ކޮމްޕޯނަންޓް ޕާޓް ނުފެންނާތީ އެ ރޭންޖަކީ ކިހާ ހިސަބެއްގައި ކަން ބުނަ ދަތިވާނެ އެެވެ. އެކަމަ ރިމޯޓެއްގެ ލައިން އޮފް ސައިޓަށް ވިސްނީމާ އެއީ ވަރަށް ކައިރި ރޭންޖެކެވެ. އެރޭންޖްގެ އެ ގަޑީގެ ވިޑިއޯ ފްޓޭޖް ހުރިހާ ކިހާ ވަރަކަށް ކަމެއް ވެސް މޫވްމެންޓް އޮތް ގޮތެއް ވެސް އަދި އެކަންކަން އެނަލައިޒް ކުރެވިފައިވަނީ ކިހާވަރަކަށް ކަމެއް އަދިއެއް ސާފެއްނުވެ އެވެ.

އަދީބު ބޭނުންފުޅުވީ މުޅި ލޯންޗް ގޮއްވާލަން

އަދީބު ބޭނުންފުޅުވެފައި އޮތީ "ކޮމްޕްލީޓްލީ" ލޯންޗް ގޮއްވާލާށެވެ. މިއީ ކޮމިޝަނުން ވެސް ބުނެފައި އޮތް ވާހަކައެކެވެ. އެކަމަކު ތަފުސީލެއް ނުދެ އެވެ. އަދީބު ބޭނުންފުޅުވި ގޮތަށް އައިއީޑީން އެވަރުގެ ގޮވުމެއް ނޫފެދުނެވެ. ސުވާލަކީ ހައި އެކްސްޕްލޯސިވްގައި ލޯންޗް އެއްކޮށް ފުނޑުފުނޑުވެ ބުރަބުރައިގެންދާވަރުގެ ގޮވުމެއް ނޫފެދުނީ ކީއްވެގެން ހެއްޔޭ އެވެ؟ ޖަވާބަކީ މިކަމުގައި ބައިވެރިވި ސިފައިންގެ ތިން މީހުންގެ ތެރެއިން ހައި އެކްސްޕްލޯސިވް ތައްޔާރު ކުރި މީހާ، އޭނާ ބޭނުން ކުރި ހައި އެކްސްޕޮލޯސްވްގެ ބާރުގެ މިގަނޑު ވަޒަން ކުރުމުގައި އަންޑައެސްޓިމޭޓްކޮށްފައި އޮތީ އެވެ. އެހެން އެދިމާވީ ޕެކޭޖް ފިޓް ކުުމުގައި ބޭނުން ކުރިވަރު އެއީ ކޮމްޕްލީޓް ގޮވުމަކަށް ފުދޭ މިންވަރު ކަމަށް ބަލައިގެން އަންޑަ އެސްޓިމޭޓް ކޮށްފައިވާތީ އެވެ. އެކަމަކު އޭނާ އަންޑަ އެސްޓިމޭޓް ކުރި ނަމަވެސް އޭނާއަށް ދީފައި އޮތް އިންސްޓްރަކްޝަނަކީ މުޅި ލޯންޗް މީހުންނާއެކު ކުދިކުދިވެގެންދާ ވަރަށް ގޮއްވާލުމެވެ.

މިތަނުން ވަރަށް މުހިމު އެހެން ސުވާލެ އުފެދޭނެ އެވެ. ހައި އެކްސްޕްލޯސިވް ގޮވުމެގައި މީހުންގެ އިސްތަށިތައް އަނދައިގެން ނުދިޔައީ ސްޕާކްކޮށްފަ ހުޅު ނުހިފީ ކީއްވެގެން ހެއްވެ؟ އެފްބީއައިގެ ރިޕޯޓާ ގުޅިގެން ހޯމްމިނިސްޓަރު ފުރަަތަމަ ނޫސްވެރިންނަށް ބްރީފްކޮށް ދެއްވި އިރު މި ސުވާލަށް ކޮންމެވެސް ވަރަކަށް އަލި އަޅުވާލެއްވި އެވެ. އެކަމަކު ނޫސްވެރިން އެ ސުވާލުގެ ފުނަށް ނުވަމުން އުމަރުވެސް އޭގެ ޑީޓޭލަށް ވަޑައި ނުގަތީ ކަމަށް ބެލެވެ އެވެ.

ހަގީގަތުގައި އެހެން ނުވީ ބޭނުންކުރި ހައި އެކްސްޕްލޯސިވްސްގެ އަދަދު މަދުވުމުގެ ސަބަބުންނެވެ. އަންޑައެސްޓިމޭޓް ކުރެވުމުގެ ސަބަބުން ހައި އެކްސްޕްލޯސިވް ބޭނުން ކުރެވިފައި ހުރީ ގޮވާމާއެކު އުފެދޭ ފޯސް އާއި އަލިފާންބޯޅައާއެކު މީހުންތައް ވިއްސަވިއްސައިގެންދާ ވަރަށެވެ. ގޮވުމެއްގައި މިފަދަ ގޮވުމެއްގައި ހައި އެކްސްޕްލޯސިވަކީ އޭގެ ޒާތުގައި ވަރަށް ފަސޭހައިން އަނދައިގެން ދާ މާއްދާއެެކެވެ. އެހާ ފަސޭހައިން ގޮވަނީ ވެސް އަދި ފުނޑުނޑުކޮށްލަނީ ވެސް އެހެންވެގެނެވެ. ހައި އެކްސްޕްލޯސިވް ގޮވާ ގަޑީގައި އެންމެ ޝޮޓަކުން ކޮމްޕޯނަންޓް އެކީގައި އަނދއިގެން ދެ އެވެ. ފިނިފެންމާގައި އަލިފާން ބޯޅަ އުފެދުނެވެ. ބައެއް މީހުންގެ ގައިގެ އިސްތަށިތައް އަނދައިގެން ދިޔަ އެވެ.

ފިނިފެންމާއިން ފެންނަ މި ދެންނެވި އަލިފާންބޯޅަ އުފެދިފައި ގޮތުގެ ޓައިމިން ބަލައިގެން ހިސާބެ ހެދީމާ އަންދާޒު ކުރެވެނީ އެއީ ސިކުންތެއްގެ 100 ބައިކުޅަ އެއްބައިގެ ވަގުތުކޮޅަކަށް އުފެދުނު ބޯޅައެއްގެ ގޮތުވެ. އެއީ އަދީބު ބޭނުންފުޅުވި ވަރުގެ ޑެމޭޖެއް ދޭން ހެޔޮވަރު މިންވަރެއް ނޫނެވެ. އެއާ ހިލާފަށް ކްއަންޓިޓީ ގިނަވި ނަމަ އޭނާ ބޭނުންފުޅުވި އެނަތީޖާ ނުކުތީހެވެ.

މިކަހަލަ އެސަސިނޭޝަން ހަމަލާތަކުގައި އިންފޮމޭޝަނަކީ އަބަދުވެސް ވަރަށް ރެސްޓްރިކްޓް ކުރާ އެއްޗެކެވެ. އަދީބު ސީދާ މިކަން ހިންގާކަން ވަރަށް މަދު މީހަކަށް ނޫނީ އަންގާފައެއް ނުވެއެވެ. އެކްސްޕްލޯސިވްގެ އަދަދު ބޭނުން ކުރުމުގައި އަންޑައެސްޓިމޭޓް ކުރެވިފައިވުމުގެ މައިގަނޑު އެއްސަބަބަކީ އެއީ އެވެ.

ސެކިއުރިޓީއާ ބެހޭ ގޮތުން ދެކެވޭ ވާހަކަ!

ރައީސްގެ ސެކިއުރީޓީ ފެއިލްވީއެކޭ ނުބުނެވޭނެ އެވެ. އޭގެ ބަދަލުގައި ފެންނަން އޮތް ހަގީގަތަކީ ރައީސްގެ ސެކިއުރިޓީ އޮތީ އަދީބުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފަ އެވެ. މިސާލަކަށް ޕާޕާއަކީ ސެކިއުރިޓީ އިންޗާޖަށްވާއިރު ލޯންޗްކޮޅު ސާޗް ކުރަން ވެސް ސާފު ކުރަން ވެސް އަރާ މީހުންނަކީ ޕާޕާގެ ދަށުގައި ތިބޭނެ މީހުންނެވެ. އެ އެންމެން ވެސް ތިބީ ފައިސާދީގެން ގަނެފަ އެވެ. ނަތީޖާއަކީ ސެކިއުރިޓީގެ ހުރިހާ ކަމެއް އެމީހުން ގެންގޮސްފައި ވަނީ ވަރަށް ސޮފްޓް މޯޑެއްގައި ބާއްވައިގެނެވެ.

އެހެން ނޫނަސް ރައީސް މައުމޫނުގެ ދައުރުން ނެއްޓި މިއަތަށް އެޅުނު ފަހުން ސާޗް ކުރާ ޓީމްގެ ސާޗިން އޮންނާނީ ޖުމްލަ ބަލައިލުމަކުން ޓެޕްކޮށްލާ އުސޫލަކަށެވެ. އެހެންކަމުން ފިފެންމާ މައްސަލާގައި ސެކިއުރިޓީ ގެ މައްސަލައަކީ މާ ބޮޑު މައްސަލައެއް ނޫނެވެ. ސަބަބަކީ އޭގެ ކޮންޓްރޯލް އޮތީ އެކަން އެގޮތަށް ކުރަން ބޭނުންވާ މީހާގެ އަތުގައި ކަމަށްވާތީ އެވެ. އެހެން ނޫންމަ އެ ސެކިއުރިޓީގެ ސްމާޓްކަން ގޮވުމުގެ ކުރިންވެސް ފަހަށް ވެސް އަދި ރައީސް ހިމާޔަތް ކުރުމުގަ އާއި ހޮސްޕިޓަލަށް އުފުލުމުގައި ވެސް ފެނުނީހެވެ. މީގައި މައްސަލައަކީ މުޅި އެ ފޯސް ފައިސާދީގެން ގަނެފައި އޮތް އޮތުމެވެ. ޕާޕާއާ ހަމައިން އެންމެ މަތިން ޗީފް އޮފް ޑިފެންސްފޯސް ސިޔާމް ފިޔަވައި ޖަލީލާ ހަމައިން ފެށިގެން މުޅި ލައިން އެއްކޮށް ގަނެ ޕާޕާއަކީ އިންޗާޖަކަށް ހުރީ ވެފައެވެ.

އެއާޕޯޓަށް ވަޑައި ނުގަތީ ކީއްވެ؟

މިދެން އެތައް ރިވާއެއް އޮންނަ ވާހަކައެކެވެ. ރައީސް ޔާމީން އިސްތިގުބާލުގައި އެއާޕޯޓަށް ވަޑައި ގަންނަވާނެ ކަމަށް ރައީސް އަރިހު އަދީބު ވިދާޅުވި އެވެ. ވަޑައި ނުގަތުމަށް ނިންމީ ގޮއްވާލަން ރާވައި އޮތުމުން ވަޑައިގެންފިނަމަ ރައީސް އަރިހުގައި ލޯންޗުކޮޅަށް އަރާވަޑައިގަންނަވަންޖެހޭތީ ކެންސަލް ކުރަން އޭނާގެ އަރިހުގައި ތިބި މީހުންގެ އިރުޝާދަށް އެންމެ ފަހު ވަގުތުގަ އެވެ. އެރޭ އަލާސްކަންފުޅާ އުޅުއްވި ކަމަށާއި ބޭސް ބެއްލެވި ކަމަށް ވިދާޅުވާއިރު އެރޭ އެއްކޮށް އަދީބު އުޅުއްވީ ހޭލަ އެވެ. މުޅި ރޭ އިރު އަރަން ދެންވެސް އަދި ލޯންޗް ގޮވަން ދެންވެސް ހުންނެވީ ހޭލަ އެވެ. ވަރަށް ގިނަ ވަގުތު ހުންނެވީ ކޮޅަށެވެ. އެ ހުރިހާ މަންޒަރެއް ސީސީޓީވީ ފުޓޭޖް ކަވާކޮށްފައި އެބަހުއްޓެވެ. އެރޭ ހޭލާ ހުންނެވި އިރު އިރު އަރަން ދެން ވެސް ރެހެންދި ފްލެޓްގައި އެތައް ބަޔަކާ ބައްދަލުކޮށް އެތައް ބަޔަކަށް ކޮތަޅުތަކުގައި ފައިސާ ދީފައި ވެއެވެ.

މި ޕްލޭންގައި އިންޑިއާ ބައިވެރިވޭތަ؟

ރައީސް ޔާމީން އަވަހާރަކޮށްލުމުގެ މި ޕްލޭންގައި އިންޑިޔާ ބައިވެރިއެއް ނެތެވެ. މި ސުވާލު އުފައްދަންޖެހެނީ ރަށުތެރޭގައި މިއީ ވެސް ދައްކާ ވާހަކައަކަށްވާތީ އެވެ. ހަގީގަތުގައި އަދީބުގެ ޕްލޭން އޮތީ އޮތީ ރައީސް ޔާމީން އަވަހާރަކޮށްލާފައި އެކަން އައިއެސްގެ ބޮލަށް ކަނޑާލާށެވެ. އަދި ރޮމުން ރައީސް ކަމުގެ ހުވާކުރާށެވެ. އޭނާ ގަބޫލު ކުރައްވައިގެން ހުންނެވީ ބައެއްގެ އެހީއަށް އެދުމަށްވުރެ މާ ފުރިހަމައަށް ތައްޔާރުވެވިފައިވާ ކަމަށެވެ.

"އެކަމަކު އެކަން އެގޮތަށް ނުހިނގިކަން އެނގުނު ހިސާބުން އަދީބު އިންޑިއާ އާއި އެމެރިކާގެ މަދަދު ހޯދަން މަސައްކަތް ކުރެއްވި. އެގޮތުން ބައެއް މީހުންނާ ގުޅިފައިވާ އެޖެންޓުން މެދުވެރިކޮށް ދެންނެވި ތިމަންނައޭ ރައީސް މުހައްމަދު ނަޝީދު ގެއަށް ބަދަލު ކުރީ، ކިހިނެއް ހެއްޔޭ ގައުމުގެ އިދިކޮޅު ޕާޓީގެ ލީޑަރު ޖަލުގައި ބަހައްޓައިގެން ގައުމު ހިންގާނީ ތިމަންނާ ރައީސް ޔާމީނަށް ދަންވައިފީމޭ އެހެން ނުހަދަން ވެސް،" -- ސިރު ކުރެވިފައިވާ ފަރާތެއްގެ ބުނުމެއް --

ރާއްޖެ ވަޑައިގަތުން، ހައްޔަރު ކުރުން

ޗައިނާ ދަތުރުފުޅަށްފަހު އަދީބު ރާއްޖެ ވަޑައިގަތުމުގެ ތިން ދުވަސް ކުރިން ހޯދުނު ހެކިތަކުގެ އަލީގައި ދެން ކަންތައް ބަަދަލުވެގެންދާނެ ގޮތް އަދިބަށް ވެސް އޮތީ ޝައްކަކަށް އެނގިފަ އެވެ. އެހެންވެ އަދީބު ބަލަމުން ގެންދެވީ ރާއްޖެ ވަޑައިގަންނަވަންވީތޯ ނުވަތަ ނޫންތޯ އެވެ. އެގޮތަށް ވިސްނަން އޭނާއަށް ޖެހުނީ މައްސަލައާ ގުޅިގެން ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީގައި ހުރީ ކިހާ ވަރެއްގެ އެވިޑެންސެއްކަން އޭނާއަށް ވަޒަން ކޮށްލެވޭ ގޮތް ނުވެގެނެވެ. އެކަން އަދީބަށް ކަށަވަރު ނުކުރެވި ވަރަށް ބޮޑު ޕްރެޝަރެއްގެ ތެރެއަށް ވެއްޓުމުން ރާއްޖެ ވަޑައި ނުގަތުމަށް ނިންމެވި އެވެ. ނަމަވެސް ކުޑަ ފުރުސަތެއް އޮތްތޯވެސް ބަލަން ބޭނުންވެ ހާދިސާ އެއާ ކޮންޑިޝަނާ ދިމާއަށް ގެންދަން މަސައްކަތް ކުރި އެވެ. އަދި އެފްބީއައިއިން ވެސް އޭނާއަށް މައުލާމާތު ދިނީ އެގޮތަށެވެ.

އެހިސާބުން އަދީބު ބޭނުންފުޅުވީ ސިޓްއޭޝަން ބަލަން ރާއްޖެއަށް އެޖެންޓަކު ފޮނުވާށެވެ. ދިވެހި އެމީހާ ރާއްޖެ އައުމާއެކު އިންޓަލިޖެންސުން ވަނީ އޭނާ ހޯދައި ނުބައި މައުލޫމާތު ފޯރުކޮށްދީފަ އެވެ. އެގޮތުން އެއްވެސް އެވިޑެންސެއް ނެތް ކަމަށާއި އެއީ ގޮވީ އެއާ ކޮންޑިޝަން ކަމަށް ބެލެވޭ ކަމަށާއި ރައީސް ޔާމީން އެ ކޭސް ކްލޯސް ކުރައްވާން ނިންމާފައިގެން ހުންނެވި ކަމަށް ފީޑް ކޮށްދިނެވެ. އަދި އެހިސާބުން ގޭގެ ސާޗް ކުރުމުގެ މަސައްކަތް ހުއްޓާލުމާއެކު ކޭސް ކްލޯސް ކުރައްވަނީ ކަމަށް ބަލައިގެން މާލެ ވަޑައިގަތުމަށް ނިންމެވީ އެވެ. ހަގީގަތުގައި ސިންގަޕޫރާ ހަމައަށް ވަޑައިގަތުމާ ހަމައަށް ވެސް ރާއްޖެ ވަޑައި ގަންނަވާނެތޯ ނޫންތޯ ޑިސައިޑެއް ނުކުރައްވަ އެވެ. މީހުން ފުރައިގެން ޗައިނާއަށް ސިންގަޕޫރަށް ދާނެ އެވެ. އަންނާނެ އެވެ. އަދީބާ ބައްދަލު ކުރާނެ އެވެ. މިހެން ގޮސް މުޅި އެތި އަދީބަށް އޮޅުނީ އެވެ.

ހޯމް މިނިސްޓަރުގެ ނޯކޮންފިޑެންސް ވޯޓް

ބޮމުގެ މައްސަލައާ ގުޅިގެން ފަހުބަޑިއަކަށް ޖަހަން އުޅުނީ ރައީސް ޔާމީންގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވެއްދުމެވެ. އެކަމަށް ލޮބީ ކުރި އިރު ހޯމް މިނިސްޓަރުގެ އުމަރު ނަސީރުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ވެސް ތައްޔާރު ކުރި އެވެ. އެ ގަރާރު ޑްރާފްޓް ތައްޔާރު ކުރީ ޕީއެސްއެމްގެ ތެރެއިންނެވެ. އެގަރާރު ލިޔުނު މީހާވެސް އެބަހުއްޓެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އުމަރުގެ ދުއްވާލަން ބޭނުންވީ ކޮމިޝަނުގެ މަސައްކަތުގެ ބައެއް މައުލޫމާތު އަދީބަށް ސާފުވާން ފެށުމުންނެވެ. އެގޮތުން "ކިތަންމެ ބޮޑު ބަކައްޓަކަސް މީގައި ބައިވެރިވެފައިވާނަމަ ކަތިލާނެ" ކަމަށް އުމަރު ކޮމިޝަންގައި ވިދާޅުވި ކަމަށް ވެއެވެ. އަދި އެ ވިދާޅުވި ޖުމްލަ ކުޑައިރުކޮޅެއްގެ ތެރޭގައި އަދީބާ ހަމައަށް ދަތުރު ކުރި ކަމަށް ވެސް ވެއެވެ.

މި ސުވާލުތައް އަވަސް އިން އުމުރާ ކޮށްފައިވާނެ އެވެ. އެހެންނަމަވެސް އުމަރު ޖަވާބެއް ނުދެއްވައެވެ. އެކަމަކު އަދީބުގެ އިންޓަވިއުތަކުގައި "ކަތިލާ" ވާހަކަ އަންނަ ފެށި ހިސާބަކީ އެއީ އެވެ.