ހަބަރު

މާލެ އާއި ހުޅުމާލެއާ ދެމެދު އޭސީ ފެރީގެ ދަތުރުތައް ފަށައިފި

  • މާލެ އާއި ވިލިމާލެއާ ދެމެދު ވެސް އޭސީ ފެރީގެ ހިދުމަތް ފަށާނެ
  • ފެރީއެއްގައި 140 މީހުންގެ ޖާގަ ހިމެނޭ
  • ޓިކެޓެއްގެ އަގަކީ 15 ރުފިޔާ

ހުޅުމާލޭގައި އޭސީ ފެރީގެ ހިދުމަތް މިއަދު ފަށައިފި އެވެ. މި ހިދުމަތް ފެށީ މާލެ-ހުޅުމާލެ ފެރީގެ ނިޒާމް ހަރުދަނާ ކޮށް ޒަމާނީކުރުމުގެ ގޮތުން، ދުވެލި ހަލުވި އޭސީ ފެރީ ހުޅުމާލޭގެ ފެރީ ފްލީޓަށް އިތުރުކުރުމަށް އެމްޓީސީސީ ހިންގި "ޕްރީމިއަމް ލިންކް" މަޝްރޫއުގެ ދަށުންނެވެ.

އޭސީ ފެރީގެ ހިދުމަތް ތައާރަފްކުރުމާއެކު ހުޅުމާލޭގެ ޓާމިނަލް ގައި ވަނީ އޭސީ ފެރީން ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ލައުންޖެއް ވެސް ގާއިމްކޮށްފަ އެވެ. އެ ޓާމިނަލްވެސް ވަނީ އޭސީ ކޮށްފަ އެވެ.

ހުޅުމާލެ ޖެޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްރިމިއަމް ލިންކް ފެރީގެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ތިމާވެއްޓާބެހޭ ވަޒީރު ތޯރިގް އިބްރާހިމް އެވެ.

މާލެއާއި ހުޅުމާލެއާ ދެމެދު "ޕްރިމިއަމް ލިންކް" ގެ ނަމުގައި މުޅިން އަލަށް މިއަދު ފެށި އޭސީ ފެރީގެ ހިދުމަތް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، އޭސީ ފެރީގެ ހިދުމަތް ހުޅުމާލޭގައި ފެށުމަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރައްވާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި އެއީ ދުވަހެއް ދުވަހަކަށް އާބާދީ އިތުރުވަމުން އަންނަ ހުޅުމާލޭގެ ރައްޔިތުންނަށް ފަސޭހައާއި އުފާވެރިކަން ގެނުވަދޭނެ ކަމެއް ކަމަށެވެ.

"ދުވަހެއް ދުވަހަކަށް މިދަނީ ހުޅުމާލޭގައި މީހުން އިތުރުވަމުން. އެހެންވީމަ މިފަދަ ފެރީއެއްގެ ސަބަބުން މި ދެމެދުގައި ދަތުރު ކުރުމުގައި އޮންނަ ވަރަށް ގިނަ ކަންބޮޑުވުންތަކަށް ހައްލެއް އަންނާނެ. ހާއްސަކޮށް ވަޒީފާއަށްދާ ފަރާތްތަކަށް މިއީ ވަރަށް އުފާވެރި ހަބަރަކަށް ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެމްޓީސީސީގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި ވިލިމާލެއާއި މާލެއާ ދޭތެރޭ ދަތުރުކުރާ އޭސީ ފެރީވެސް ތައާރަފްކުރާނެ ކަމަށެވެ.

ޕްރިމިއަމް ލިންކް ފެރީތައް ދަތުރުކުރާނީ އޮފްޕީކް ގަޑިތަކުގައި ކޮންމެ 30 މިނެޓަކު ދަތުރެއް އަދި ޕީކް ގަޑިތަކުގައި ގަޑިއިރަކުން ދަތުރެކެވެ. ސަތޭކަ ސާޅީސް އެއްހައި މީހުންގެ ޖާގަ ހިމެނޭ އެ ފެރީ ތަކުގައި ފަސިންޖަރުންގެ ހިތްހަމަޖެހުމަށް އޭސީ ނުކުރާ ބައެއްވެސް ހިމަނާފައިވެއެވެ. އޭސީ ކޮށްފައިވާ ބައިގައި ހިމެނެނީ 110 މީހުންގެ ޖާގަ އެވެ. 15ރ. ގެ ޓިކެޓެއްގައި ދަތުރުކުރާ އެ ފެރީގައި ހުޅުމާލެއިން މާލެއަށް އަންނަން ނަގާނީ ގިނަވެގެން 15 މިނިޓް ކަމަށް އެމްޓީސީސީން ބުންޏެވެ.

އަބްދުއްރައްޒާގް ވިދާޅުވީ، ޕްރީމިއަމް ލިންކްގެ ހިދުމަތް ދެ ފެރީއާއެކު ފެށިކަމުގައިވިޔަސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އިތުރު ދެ ފެރީން ހިދުމަތްދޭން ފަށާނެ ކަމަށެވެ. ދެ ފެރީ ބަނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.