އާދަމް އާޒިމް

މަގުމައްޗަށް ފެން އެޅޭ ގޮތަށް ހުރި ތަންތަން ރަނގަޅުކުރަން އަންގަނީ

އިމާރާތްތަކުން މާލޭގެ މަގުމައްޗަށް ފެން އެޅޭ ގޮތަށް ހުރި ތަންތަން މަރާމާތުކޮށް ރަނގަޅު ކުރަން މާލޭ ސިޓީ ކައުންސިލުން އަންގަން ފަށައިފި އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބައެއް އިމާރާތްތަކުން މަގުމައްޗަށް ފެން ފައިބާ ގޮތައް ހުރި ތަންތަނުގެ ވީޑިއޯއެއް އާންމުކުރައްވާފަ އެވެ.

އާޒިމް ވަނީ މާލޭ މަގުމައްޗަށް އެކި އިމާރާތްތަކުން ފެންތިކި ޖަހާ މައްސަލައަކީ ޒަމާނުއްސުރެ ހައްލުނުކުރެވި އޮތް މައްސަލައެއްކަން ފާހަގަކުރައްވާފަ އެވެ.

"މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި، އެގޮތުން މި މަހު އެކަނިވެސް މަގުމައްޗަށް ފެންތިކި ޖަހާ ގޮތަށް ހުރި 30 ތަނެއް ފާހަގަކޮށް، އެތަންތަން މަރާމާތުކޮށް ރަނގަޅުކުރުމަށް ވަނީ އެންގިފައި،" އާޒިމް ވިދާޅުވި އެވެ.

މާލޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.