ހަބަރު

ކަނޑަށް އެރި އަމިއްލައަށް މަރުވާން އުޅުނު މީހަކު ސަލާމަތް ކޮށްފި

ގއ. މާމެންދޫ ފުއްޓަރު ފަރާތަށް ކަނޑަށް އެރި އަމިއްލައަށް މަރުވާން އުޅުނު ފިރިހެނަކު ފުލުހުން ސަލާމަތް ކޮށްފި އެވެ. މި ހާދިސާ ގައި ސަލާމަތް ކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދު މެންދުރުފަހު ހިނގި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުމާއެކު ގއ. މާމެންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ގއ. ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ކުރި މަސައްކަތުން އޭނާ ސަލާތް ކޮށްފައި ވަނީ މިއަދު 15:00 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި އޭނާގެ އަތަށް އަނިޔާ ލިބިފައި ހުރުމާއެކު ގއ. ވިލިނގިލީ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ޑޮކްޓަރުގެ ލަފާގެ މަތިން ގދ. ތިނަދޫ ހޮސްޕިޓަލަށް އޭނާ ބަދަލު ކުރުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ޑޮކްޓަރު މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.