ހަބަރު

ނިލަދޫންގައި އެމްއެންޔޫގެ ލާނިން ސެންޓަރެއް ހުޅުވައިފި

ގައުމީ ޔުނިވާސިޓީގެ ލާނިން ސެންޓަރެއް ފ. ނިލަންދޫގައި މިރޭ ހުޅުވައިފި އެވެ. ނިލަންދޫގެ ލާނިން ސެންޓަރު ހުޅުވައިދެއްވީ، ޔުނިވާސިޓީގެ ވައިސް ޗާންސްލާ އަލީ ފަވާޒެވެ.

ނިލަންދޫގައި ހުޅުވި ލާނިން ސެންޓަރުން ޔުނިވާސިޓީން ހިންގާ މާސްޓާސް ފެންވަރުގެ ކޯސްތައް ހިންގާނެ އެވެ. ލާނިން ސެންޓަރު ހުޅުވި ނަމަވެސް އަދި ކޯސްތައް ކުރިއަށް ގެންދަނީ ފ. އަތޮޅު ތައުލީމީ ސެންޓަރުގެ ކްލާސްރޫމް ތަކުގަ އެވެ. ނަމަވެސް ލާނިން ސެންޓަރަށް މިހާރު އިމާރާތެއް ހަމަޖެހިފައިވާއިރު ވަރަށް އަވަހަށް އެ އިމާރާތުގައި ދެ ކްލާސްރޫމާއި ހޯލެއް ގާއިމުކުރަން ވަނީ ނިންމާފަ އެވެ.

މިރޭ ނިލަންދޫގައި ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗާންސްލާ އަލީ ފަވާޒު ވިދާޅުވީ، ކޮންމެ ދަރިވަރަކަށް ވެސް އެ ދަރިވަރަކު ބޭނުންވާ ތައުލީމެއް އެ ދަރިވަރަކު އެ ހުންނަ ހިސާބަށް ގެންދިޔުމަށް މަސައްކަތް ކުރާ ކަމަށާއި ނަމަވެސް ރާއްޖެ އުފެދިފައިވާ ގޮތުން އެކަމުގައި ދަތިތައް ގިރާ ކުރަންޖެހޭ ކަމަށެވެ.

"ޔުނިވާސިޓީން ލާނިން ސެންޓަރުތަކެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ވަކި ކޮލިޓީއެއްގެ ސެންޓަރުތަކަކަށް މި މަސައްކަތް މިކުރެވެނީ ޔުނިވާސިޓީ މިހާތަނަށް ގެނެސްދިން ބޭފުޅުންގެ ހިންމަތާއި މިންނަތުން،"

އެ ރަސްމިއްޔާތުގައި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ދަރިވަރުން މަތީ ތައުލީމު ހާސިލުކުރަން މާލެ ފޮނުވަން ޖެހުމުން މައިބަފައިން އަތުން ބޮޑު ހަރަދުތަކެއް ދާ ކަމަށާއި އަދި މާލެ ގޮސް ބައެއް ފަހަރަށް ދަރިންނަށް ރަނގަޅު ދިރިއުޅުމެއް ނުލިބިވެސްދާ ކަމަށެވެ. އެހެންކަމުން ނިލަންދޫގައި ޔުނިވާސިޓީގެ ލާނިން ސެންޓަރެއް ގާއިމުކުރެވިގެން ދިޔުމުން ފ. އަތޮޅަށާއި ކައިރި އެހެން އަތޮޅުތަކަށް އޭގެ ސަބަބުން ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.