މީރާ

ކޮތަޅު ފީގެ ގޮތުގައި އެއް އަހަރުން 16 މިލިއަން ރުފިޔާ

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށިތާ އެއް އަހަރުގެ ތެރޭގައި އެ ފީ އިން ދައުލަތަށް 16.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެވެ.

އެ ގޮތުން ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށީ އެޕްރީލް 18، 2023 ވަނަ ދުވަހުން ފެށިގެންނެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޕްލާސްޓިކް ކޮތަޅު ފީ އިން މިދިޔަ އަހަރު ދައުލަތަށް 12.6 މިލިއަން ރުފިޔާ ލިބުނެވެ. އަދި މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅު ފީ އިން ހަތަރު މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ.

މިގޮތަށް ދިމާވީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ހިމެނި ނަމަވެސް ބިލް މަޖިލީހުން ފާސްކުރިއިރު ފީ ނެގުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި ކޮތަޅު ބޮނޑި ގަތުން ހިމަނާފައި ނުވާތީ އެވެ.

ގާނޫނުގެ އެ މާއްދާ އިސްލާހުކުރަން މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފަ އެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ ހޯމަ ދުވަހު ބޭއްވިއިރު އެ ބިލް އޮތީ ކޮމިޓީ މަރުހަލާގަ އެވެ.