ލައިފްސްޓައިލް

ކުޑަކަމުދާ ތަކެތީގެ ކުލައިން ބަލިތައް ދެނެގަނެވޭނެ!

ފާހަނާ ކުރުމަށްފަހު ފްލަޝް ކުރަން ފިއްތާލުމުގެ ކުރިން ފާހާނަ ތަށީގެ އެތެރެ ބަލައިލަން ހެއްޔެވެ؟ ޖަވާބަކީ "ނޫނެކޭ" ނަމަ ކޮންމެވެސް ވަރަކަށް ބަލައިލަން އާދަކުރަންވީ އެވެ. ސަބަބަކީ ފާހާނައަށް ވަދެ، ބަނޑުން ބޮތްކެއްހެން ތިލަވެފައި އޮންނަ ބްލެޑާގައި އެއްޗެއް ހުރީ ވިއްޔާ އެހުރި ހުރިހާ އެއްޗެއް ބޭރުކޮށްލާ އިރު އެވާ އަރާމަކުން އެކަމުން އަވަހަށް މިންޖުވެލައިގެން ފާހާނައިން ނުކުންނަން ބޭނުންވިޔަސް، ކުޑަކަމުދާ ތަކެތީގައި އެ ހުންނަ ދިޔާ މިނާއި، ކުލައާއި ވަހުން ހަށިގަނޑުގެ އެތެރޭގައި ހިނގާ ހައިޖާނުތަކުގެ ނަތީޖާ ނިކަން ބޮޑަށް އެނގޭތީ އެވެ. އެހެންވީމަ ދެން ފާހާނައަށް ވަދެލާ ފަހަރެއްގައި އަމިއްލައަށް "ޔޫރިން ޓެސްޓް" އެއް ހަދާބަލާށެވެ.

ކުޑަކަމުދާ ތަކެތީގައި "ފޮނި" ވަހެއް ހުންނަ ކަމުގެ އިހުސާސް ވާނަމަ އެއީ ސަމާލުކަން ދޭންޖެހޭ ކަމެކެވެ. ސިއްހީ ތަޖުރިބާކާރުން ދެކޭގޮތުގައި ކުޑަކަމުދާ ތަކެތީގައި އެފަދަ ވަހެއް ހުރުމަކީ ޑައެބެޓިކް ނުވަތަ ހަކުރު ބަލީގެ އަލާމާތެކެވެ. އެހެންކަމުން މިކަމަށް ސަމާލުވާންޖެހެނީ ހަމަ އެކަނި ހަކުރުބަލި ނުޖެހޭ މީހުނެއްވެސް ނޫނެވެ. ހަކުރުބަލި ހުންނަ މީހުންނަށް ޔޫރިން ގައި ފޮނި ވަސް ހުންނަ ވަރު ވަޒަންކުރުމަށްފަހު ލޭގައި ހަކުރު ހުރީ ދަށްކޮށް ނޫނީ މަތިކޮށް ކަން އަންދާޒާކޮށްލެވޭނެ އެވެ.

ކުޑަކަމުދާ ނިޒާމުގައި ބެކްޓީރިއާ އުފެދުމަކީ ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ. ކުޑަ ކަމުދާ ނިޒާމުގައި ބެކްޓީރިއާ އަށަގަތުމަކީ ކެތްކުރަން އުނދަގޫ ވޭނެއް ތަހައްމަލުކުރަންޖެހޭ ވެސް ކަމެކެވެ. ޔޫޓީއައި ނުވަތަ ޔޫރިން އިންފެކްޝަން އަކީ ކުޑަކަމުދާ ނިޒާމުގައި ބެކްޓީރިއާ އަށަގަތުމުން ޖެހޭ ބައްޔެކެވެ. ޔޫޓީއައި ޖެހުމުން އާދަޔާ ހިލާފަށް ދަށް ބަނޑު ނުވަތަ ބްލެޑާގައި ރިއްސާނެ އެވެ. އަދި ކުޑަކަމުދާއިރު ގަދަ ދިލައެއް ނަގާނެ އެވެ.

އެހެންކަމުން ކުޑަކަމުދާ ތަކެތީގައި ކިލަނބު ކަމެއް ހުރުމަކީ ކުޑަކަމުދާ ނިޒާމުގައި ބެކްޓީރިއާ އަށަގަންނަން ފަށާފައިވާ ކަމުގެ އަލާމާތެކެވެ. ކުޑަކަމުދާ ތަކެތީގައި އާދަޔާ ހިލާފު ކިލަނބުކަމެއް ހުންނަކަމަށް ފާހަގަ ވާނަމަ ޑޮކްޓަރަށް ދައްކަން ލަސް ނުކުރާށެވެ.

ސިއްހީ މާހިރުން ދެކޭ ގޮތުގައި ކުޑަކަމުދާއިރު މަޑު ފިޔާތޮޑި ކުލައެއް ހުރުމާއި ރަތްކުލައިގެ ޒައްރާތަކެއް ކުޑަކަމުދާތަކެތީގައި ހުރުމަކީވެސް ސަމާލުވާންޖެހޭ ކަމެކެވެ. ސަބަބަކީ ކުޑަކަމުދާ ނިޒާމަށް ވިޔަސް ބައްޔެއް ޖެހިފައި ތަދު އިހުސާސް ނުވެ ވެސް ހިނގައިދާނެތީ އެވެ. ރަތްކުލާގައި ކުޑަކަމުދެވުމަކީ ކުޑަކަމުދާ ތަކެތީގައި ލޭ އެކުލެވޭކަން ޔަގީންވާނެ ކަމެކެވެ. އެއީ ވެސް ޔޫރިން އިންފެކްޝަން ވަރަށް ބޮޑަށް ޖެހިފައިވާކަމުގެ އަލާމާތެކެވެ. އަދި ކިޑްނީގައި ހިލައިގެ އަސަރު ހުރުމާއި، ބައެއް މަދު ކޭސް ތަކުގައި ބްލެޑާ ނުވަތަ ކިޑްނީ ކެންސަރު ޖެހިފައިވާ ކަން އަންގައިދޭ އަލާމާތެއް ކަމަށް ވެސް ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ.

ފާހާނަކުރާއިރު ނޯއްދަމާލަން ނުކެރޭހާ ނުބައި ވަހެއް ހުންނަ ނަމަ އެއީ މައްސަލައެކެވެ. މީގެ މާނައަކީ ކުޑަކަމުދާ ތަކެތީގައި ފިނިފެންމަލުގެ ވަސް ހުންނަން ޖެހުމެއް ނޫނެވެ. ޔޫރިން އަކީ އޭގެ ޒާތުގައި ނުބައި ވަހެއް ހިމެނޭ ފްލުއިޑް އެކެވެ. އެކަމަކު ނޭފަތަށް ނުކުޅާދާނަވާ ވަރުގެ ވަހެއް ހުރުމަކީ އެތެރަހަށީގައި ގޯސްކަމެއްގެ އަސަރު ހުރި ކަމުގެ އަލާމާތެކެވެ. އެއީ ކުޑަކަމުދާ ނިޒާމުގައި ބެކްޓީރިއާ އަށަގަންނަން ފަށައިފިކަމުގެ އިންޒާރެއް ކަމަށް ގިނަ ސިއްހީ ތަޖުރިބާކާރުން އެއްބަސްވެ އެވެ.

ހަމަ އެގޮތަށް އަބަދު ކުޑަކަމުދާން ބޭނުންވެފައި ހުރުމާއި މާ ކައިރި ކައިރީގައި ކުޑަކަމުދެވޭނަމަ ވެސް ޑޮކްޓަރަށް ދައްކާލުން ބުއްދިވެރި އެވެ. ސަބަބަކީ ބައްޔެއް ވުމުގެ ކުރިން ރައްކާތެރިވުމަށް ފިޔަވަޅެއް އެޅުމަކީ ބުއްދިވެރި ގޮތް ކަމަށް ވާތީ އެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ ސިއްހަތާ މެދު ވިސްނުން ތަންކޮޅެއް ދުރު ބައެކެވެ. ޑޮކްޓަރެއް ހުރި ދިމާއަކަށް ދުއްވައިގަންނަން އެނގެނީ ލައިގަންނަ ކަމެއް ލައިގަނެ މީހާ ހަފުސްވާ ހިސާބަށް ދިޔައިމަ އެވެ. ބޮޑީ ޗެކްއަޕެއް ހާ ހިސާބު ވެސް ހަދާލަން ދެވެނީ ގަދަ ހުމެއް ލައިގަތީމައެވެ. އެހެންވުމުން ސިއްހަތު ސަލާމަތުން ބަހައްޓަން އަމިއްލަޔަށް ކުރެވިދާނެ ކަންކަން ކުރުމަކީ ހަށިގަނޑުގައި ހަރުލައްވަން ރަނގަޅު އާދައެކެވެ.

ފަހަރުގައި ކުޑަކަމުދާ ތަކެއްޗަށް ބެލުމަކީ ކުރަން ފަކުރު ކަމަކަށް ވެދާނެ އެވެ. ހާއްސަކޮށް އަންހެންކުދިންނަށް މިޒާތުގެ ކަންކަން ކުރަން މާބޮޑަށް ވެސް އުނދަގޫވެ އެވެ. އެކަމަކު މިއަކީ ފަރުވާކުޑަ ކޮށްލައިގެން ތިބެވޭ ވަރުގެ ކަންކަމެއް ނޫނެވެ.