އެޗްޑީސީ

ދެވަނަ ފިޔަވަހީގައި ހުރި ހަޓްތައް ނަގަން އަންގައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގަވާއިދާ ހިލާފަށް ހިންގާ ހަޓްތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

އެޗްޑީސީ އިން ރޭ ނެރުނު އިއުލާނެއްގައި ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ތިނެއްގެ ބީޗް ސަރަހައްދަށްވާ ގޮތަށް އޮންނަ ހުސްބިމުގައި ގަވާއިދާ ހިލާފަށް ހިންގާ ހަޓްތަކާއި ގުޅޭ ގޮތުން ގިނަ އަދަދެއްގެ ޝަކުވާ އެ ކޯޕަރޭޝަނަށް ލިބެމުން އަންނަ ކަމަށެވެ.

ހަޓްތައް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނަގައި ބިން ސާފުކުރުމަށްވެސް އެޗްޑީސީ އިން ވަނީ އަންގާފަ އެވެ.

އެޗްޑީސީ އިން ބުނީ މި މުއްދަތުގައި އެތަކެތި ނަގާފައިނުވާނަމަ އެ ކޯޕަރޭޝަނުން އެ ފަރާތްތަކާ ގުޅިގެން އެ ސަރަހައްދު ސާފުކުރާނެ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ތިނެއްގެ ބީޗް ސަރަހައްދުގައި އަމިއްލަ މީހުން ހިންގާ ހަޓްތަކާއި އެތަނުގައި ބަހައްޓާފައިވާ ތަކެތި ނެގުމަށް އެޗްޑީސީ އިން މީގެ ކުރިން އެންގި އެވެ.