ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގުތައް -- އިންފްލޭޝަން ރޭޓް މިއަހަރުގެ އޭޕްރީލް މަހު ދަށަށް ހިނގައްޖެ އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމުކޮށްފައިވާ މިއަހަރުގެ އޭޕްރީލް މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުން މި އަހަރުގެ މާޗް މަހާ އަޅާބަލާއިރު އޭޕްރީލް މަހު އަގުތައް ވަނީ 0.76 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު އަގުތައް ވަނީ 1.12 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
ކަނޑުމަސް ނުހިމަނައި އޭޕްރީލް މަހު އަގުތައް ވަނީ 0.87 ޕަސަންޓް ދަށަށް ގޮސްފަ އެވެ.
އަގު ދަށަށް ދިޔަ މުދަލާއި ހިދުމަތްތައް
- ކަރަންޓު: 10.60 ޕަސެންޓް
- ސަޕްލައި ފެން: 23.85 ޕަސެންޓް
- މޯބައިލް މުވާސަލާތީ ހިދުމަތް: 1.59 ޕަސެންޓް
- ތަރުކާރީ: 1.73 ޕަސެންޓް
- ވައިގެ ދަތުރުފަތުރު: 2 ޕަސެންޓް
އަގުތައް އުފުލުނު ބާވަތްތަކުގެ ތެރޭގައި ކަނޑުމަހާއި އެއްގަމު މަހާއި މޭވާގެ ބާވަތްތައް ހިމެނެ އެވެ.
ކަނޑުމަހުގެ އަގުތައް އޭޕްރީލް މަހު 1.30 ޕަސެންޓް އުފުލުނުއިރު އެއްގަމު މަހުގެ އަގުތައް 2.01 ޕަސެންޓް ބޮޑުވި އެވެ.
މޭވާގެ ބާވަތްތަކުގެ އަގުތައް އެޕްރީލް މަހު 0.68 ޕަސެންޓް އުފުލުނުއިރު ސައިކަލުގެ އަގުތައް 0.55 ޕަސެންޓް އަދި އައުޓްޕޭޝަންޓް ޑެންޓަލް ހިދުމަތްތަކުގެ އަގުތައް 1.67 ޕަސެންޓް ބޮޑުވި އެވެ.