ހަބަރު

އައްޑޫ ސިޓީ މޭޔަރަށް ފުރައްސާރަ ކުރުން ހުއްޓާލުމަށް އެމްޑީޕީއިން ގޮވާލައިފި

އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭކަމަށް ބުނެ ދައުލަތުން މޭޔަރުގެ މައްޗަށް ދައުވާކުރުމަށް ފޮނުވުމަކީ ކަނޑައެޅިގެން ބިރު ދައްކައި ސަރުކާރުން ކުރާ ފުރައްސާރައެއް ކަމަށް އެމްޑީޕީއިން ބުނެފި އެވެ.

ސޯދިގުގެ މައްޗަށް ދައުވާކުރަން ނިންމާފައި ވަނީ، 2012 ވަނަ އަހަރު އައްޑޫގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް ބިނާކުރި ކޮންވެންޝަން ސެންޓަރުގައި ބަހައްޓަން ހެދި 3.7 މިލިއަން ރުފިޔާގެ ކުރެހުންތައް ހަދާފައިވަނީ ވަކި ފަރާތަކަށް މާލީ ފައިދާ ލިބޭ ގޮތަށް ކަމަށް އޭސީސީން ހިންގި ތަހުގީގަށް ސާބިތުވެގެން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އޭސީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮންވެންޝަން ސެންޓަރުގެ ޑިޒައިން މަސައްކަތްތަކާއި އާޓް ވޯކްގެ ހުރިހާ މަސައްކަތެއް މަހަކު 15،000ރ. ދޭ ގޮތަށް 2011 ވަނަ އަހަރު ކައުންސިލުން ކުންފުންޏަކާ ހަވާލުކުރަން އެންގި ނަމަވެސް އިއުލާނު ކުރުމަކާ ނުލާ އެ މަސައްކަތް ކުރަން އެ ކައުންސިލުން އަމިއްލަ ކުންފުންޏަކަށް 369،000ރ. ދޫކޮށްފައިވާ ކަމަށެވެ.

އެމްޑީޕީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސާކް ސަމިޓު ބޭއްވުމަށް ސަރުކާރުން އިމާރާތްކުރި އައްޑޫ ކޮންވެންޝަން ސެންޓަރުގެ އިންޓީރިއާ ޑިޒައިން ކުރުމަށް އެންމެ ހެޔޮ އަގުގައި ހޯދުނު އާޓްވާކްތަކެއް ބޭނުންނުކޮށް ބަހައްޓާފައިވާކަމަށް ބުނާ ބުނުމުގެ ފުރިހަމަ ޒިންމާ އެމްޑީޕީ ސަރުކާރަށްފަހު ގާއިމުކުރި ސަރުކާރުތަކުން ނަންގަން ޖެހޭނެ ކަމަށެވެ.

"ފެބްރުއަރީ 2012 ގައި އެމްޑީޕީ ސަރުކާރު ވައްޓާލިއިރު އައްޑޫ ކޮންވެންޝަން ސެންޓަރު ތަރައްގީކުރުމަށް ކުރެވިފައިވާ ހުރިހާ މަސައްކަތްތައް ބާތިލް ކުރުމަށްފަހު ކޮންވެންޝަން ސެންޓަރުގެ ހުރިހާ ކަމެއް ސަރުކާރުގެ ބެއްލުވުމުގެ ދަށަށް ގެންނަވައި އެ ކޮންވެންޝަން ސެންޓަރަކީ އައްޑޫ ސިޓީ ކައުންސިލްގެ އެއްވެސް ބާރެއް ނުހިނގާ ތަނެއްގެ ގޮތުގައި ހެއްދެވިއެވެ. އެއަށްފަހު ދައުލަތުން ބޮޑެތި ހަޚަރަދުކޮށްފައިވާ އައްޑޫ ކޮންވެންޝަން ސެންޓަރު ވީރާނާ ވުމަށް ދޫކޮށްލާފައިވާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އަދި މިހާރު ރައްޔިތުންނާއި ކައުންސިލްގެ އެއްވެސް ހިޔާލު ހޯދުމަކާ ނުލައި ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވާފައިވުމަކީ އައްޑޫ ސިޓީގެ ރައްޔިތުން އައްޑޫ ސިޓީގެ ކަންކަމާމެދު ބަސް ބުނެ، ގޮތް ނިންމުމުގެ ބާރުވެރިކަމަށް ސަރުކާރުން ގޮންޖެއްސެވި ގޮންޖެއްސެވުމެއްކަމަށް ދެކޭ ކަމަށް އެމްޑީޕީއިން ވަނީ ބުނެފަ އެވެ.

"މިދަނޑިވަޅުގައި އައްޑޫ ސިޓީ މޭޔަރުގެ މައްޗަށް މިފަދަ ތުހުމަތެއްކުރައްވައި އަސާސެއް ނެތް ދައުވާއެއް އުފުއްލަވައި، ބޭއިންސާފުން ޝަރީއަތް ހިންގެވުމަށް ކުރެވޭ މަސައްކަތަކީ ކަނޑައެޅިގެން އެމަނިކުފާނަށާއި އައްޑޫ ސިޓީގެ ރައްޔިތުންނަށް ބިރުދެއްކެވުމަށާއި، އައްޑޫ ހޮސްޕިޓަލާއި ކޮންވެންޝަން ސެންޓަރާ ގުޅޭ ގޮތުން މި ސަރުކާރުން ހިންގަވާ ބޮޑު ޖަރީމާ ފޮރުވުމަށް ކުރާ މަސައްކަތެއް ކަމުގައި ގަބޫލުކުރެވެއެވެ." ބަޔާނުގައިވެ އެވެ.