ހަބަރު

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އުޅުނު އަންހެނަކު ހައްޔަރުކޮށްފި

މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދަން މަސައްކަތްކުރި ދިވެހި އަންހެނަކު ހައްޔަރުކޮށްފި އެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި އަންހެނެކެވެ.

މި އަންހެންމީހާ ހައްޔަރުކޮށްފައިވަނީ ބޭރު ގައުމެއްގެ ވިޔަފާރިވެރިއެއްގެ ނަމުގައި ރާއްޖޭގައި ވިޔަފާރި ފަށައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަން އުޅޭކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅި އެމައްސަލައިގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވަނީ މިރޭ ބުނެފަ އެވެ.

މި މައްސަލާގައި އެ އަންހެންމީހާ ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރަން ފަސް ދުވަހުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ ދީފަ އެވެ.

"މަކަރާއި ހީލަތުން އެކި ގޮތްގޮތުން ފައިސާ ހޯދަން ދިވެހިންގެ ތެރެއިން ބަޔަކު ކުރަމުންދާ މަސައްކަތުގައި މިވަނީ އަނެއްކާވެސް އައު ގޮތްތަކެއް ހޯދައި އެގޮތަށް ރޭވުންތައް ރާވައި ފައިސާ ހޯދަން ފަށާފައެވެ. އެހެންކަމުން މިކަމަކީ ދިވެހިން ހޭލުންތެރިވެ ތިބެންޖެހޭ ކަމެކެވެ." ފުލުހުންގެ ވެބްސައިޓްގައި މިރޭ އާންމުކުރި ބަޔާނެއްގައި ބުނެފައިވެ އެވެ.

މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދަން ބައެއް މީހުން މަސައްކަތްކޮށް، މީގެ ކުރިން ވަނީ ރީލޯޑް ކުރުވައިގެންނާއި ރާސްޓަސް ކޮށްގެން ފައިސާ ހޯދާފައެވެ. މީގެ އިތުރުން އެކި މީސްމީހުންގެ ބެންކު އެކައުންޓްގެ މައުލޫމާތު ހޯދައިގެން އެމީހުންގެ އެކައުންޓްތަކުން ބޮޑެތި އަދަދުތަކުން މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވެއެވެ.

ފުލުހުން ބުނީ މިފަދަ މައްސަލަތައް ފުލުހުންނަށް ހުށަހެޅުމުން ފުލުހުންނާއި ކަމާގުޅުންހުރި ދާއިރާތައް ގުޅިގެން ކުރަންފެށި މަސައްކަތުން އެފަދަ މައްސަލަތައް ހިނގުން ވަނީ މަދުކުރެވިފަ ކަމަށާއި އަދި އެފަދަ ބައެއް މައްސަލަތަކުގައި ޝާމިލްވި ކަމަށް ތުހުމަތު ކުރެވުނު ބައެއް މީހުންގެ މައްސަލަތައް ފުލުހުންވަނީ ތަހުގީގު ކޮށްފައިވާ ކަމަށެވެ.